ޣައްޒާގެ އެހީ ބެހުމުގެ ސަރަޙައްދުގައި ދިންހަމަލާ ތަހުޤީޤު ކުރުމަށް އދ.އިން ގޮވާލައިފި

ޣައްޒާގެ ރަފާހުގައި ހުންނަ އެހީ ބެހުމުގެ މަރުކަޒެއްގެ ކައިރީގައި އެއްވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާ ބެލުމަށް މިނިވަން ތަހުގީގެއް ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައިފިއެވެ.
އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ މަރުކަޒަކުން ކާނާ ހޯދުމަށް މަޑުކޮށްގެން ތިބި ގިނަ ޢަދަދެއްގެ މީހުންނަށް އަމާޒުކޮށް އިސްރާއީލްގެ ސިފައިން ބަޑިޖަހާފައިވާކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މިހަމަލާއަށްފަހު ރެޑް ކްރޮސްގެ ހޮސްޕިޓަލަށް ޒަޚަމްވެގެން 179 މީހުން ގެނެވުނު ކަމަށާއި، އޭގެ ތެރެއިން 21 މީހުން މަރުވެފައިވާކަމަށް ރެޑް ކްރޮސްއިން ބުނެފައިވެއެވެ. ހަމާސް ހިންގާ ސިވިލް ޑިފެންސް އޭޖެންސީއިން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު 31 ކަމަށެވެ.
އާދީއްތަ ދުވަހު، އިސްރާއީލުގެ ސިފައިން އެ ސަރަހައްދުގައި ނުވަތަ އެ ސަރަހައްދުގެ ކައިރީގައި ތިބި އާންމު ރައްޔިތުންނަށް ބަޑި ޖަހާފައި ނުވާކަމަށާއި، އެފަދަ ރިޕޯޓުތަކަކީ ދޮގު ރިޕޯޓުތަކެއް ކަމަށް އިސްރާއީލުގެ ސިފައިން ބުނެފައިވެއެވެ.
ޖީއެޗްއެފްއިން ބުނެފައިވަނީ މި ރިޕޯޓުތަކަކީ “ސީދާ ހަދާފައިވާ ވާހަކަތަކެއް” ކަމަށާއި، އެ ތަނުގައި ނުވަތަ އެ ތަނުގެ ކައިރީގައި ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވާކަމަށެވެ.
އިސްރާއީލުން ބައިނަލްއަގުވާމީ ނޫސްވެރިން، ގާޒާއަށް ވަނުމަށް ހުއްދަ ނުދޭތީ، އެ ސަރަހައްދުގައި ހިނގާ ކަންތައްތައް ޔަގީންކުރުމަކީ އުނދަގޫ ކަމެއް ކަމަށް މީޑިއާތަކުން ބުނެއެވެ.
“އިއްޔެ ގާޒާގައި އެހީ ހޯދަން އުޅުނު ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް، ޒަޚަމްކޮށްފައިވާކަމުގެ ރިޕޯޓުތަކުން އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވެފައިވަން. މި ހާދިސާތަކާ ގުޅިގެން ވަގުތުން މިނިވަން ތަހުގީގެއް ކުރުމަށާއި، އެކަން ކުރި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އަހަރެން ގޮވާލަން.” ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އ.ދ ގެ ސެކްރެޓަރީ ޖެނެރަލް ގުޓެރެސް ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ ބޭރު ކަންތަކާބެހޭ މިނިސްޓްރީއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ގުޓެރެސްގެ މި ބަސްތަކަކީ “ލަދުވެތިކަމެއް” ކަމަށް ބުނެ، ހަމާސްގެ ނަން ނުގެންނެވިކަމަށްޓަކައި އޭނާއަށް ފާޑުކިޔާފައިވެއެވެ.
ހޯމަ ދުވަހުގެ ފަހުން، އ.ދ ގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ ވޮލްކަރ ޓަރކް ބީބީސީއަށް ވިދާޅުވެފައިވަނީ މިހާރު އިންސާނީ އެހީ ފޯރުކޮށްދެވޭ ގޮތަކީ “ގަބޫލުކުރެވޭނެ ގޮތެއް ނޫން ކަމަށާޢި، އެއީ އިންސާނިއްޔަތު ނަގާލާ ގޮތެއް ކަމަށެވެ.
“އަހަރެން ހިތުން މިއިން ދައްކުވައިދެނީ އާންމު ރައްޔިތުންނަށް އެއްވެސް އިހުތިރާމެއް ނެތްކަން. ކާނާއާއި ބޭސްފަރުވާއަށް ގާތްގަނޑަކަށް ތިން މަސް ދުވަހު ވަރަށް ބޮޑަށް ބޭނުންވެފައި ތިބި މީހުން ދުވެފައި ގޮސް ނުވަތަ އެންމެ ބޮޑަށް ބޭނުންވެފައިވާ ހާލަތުގައި އެހީ ހޯދަން މަސައްކަތް ކުރަންޖެހޭ މަންޒަރު ތިޔަ ބޭފުޅުންނަށް ސިފަކުރެވިދާނެތޯ؟” ބީބީސީ ވޯލްޑް ސަރވިސްގެ ނިއުސްއަވަރ ޕްރޮގްރާމަށް ޓަރކް ވިދާޅުވިއެވެ.
އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 54،000 އަށްވުރެ ގިނަމީހުން ޝަހީދުވެފައިވާ އިރު އެތައް ލައްކަ ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ.



