ޣައްޒާގައި ހުރި އެންމެ ފަހު އަސީރުގެ ހަށިގަނޑުގެ ބައިތައް ފެނިއްޖެ – އިސްރާއީލް

ޣައްޒާގައި ހުރި އެންމެ ފަހު އަސީރު، ރޭން ގްވިލީގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ. މިއާއެކު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެން އޮތް މަރުހަލާއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އިސްރާއީލުން މިކަން އިޢުލާންކޮށްފައި މިވަނީ، އެމެރިކާ މެދުވެރިވެގެން ވެފައިވާ އެއްބަސްވުމުގެ ދަށުން، އަނބުރާ ހަވާލުކުރަންޖެހޭ އެންމެ ފަހު އަސީރުގެ ހަށިގަނޑު އޮތް ތަނާ ގުޅޭ “ހުރިހާ ތަފްސީލެއް” މެދުވެރިންނަށް ފޯރުކޮށްދީފައިވާނެ ކަމަށް ޙަމާސްގެ އަސްކަރީ ގަފިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މި މަސައްކަތް ނިމުމުން، ރަފަހް ބޯޑަރު ހުޅުވާލާނެ ކަމަށް އިސްރާއީލުން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް އެއީ ހަމައެކަނި މީހުން ދަތުރުކުރުމަށް، ވަކި އުސޫލުތަކެއްގެ ދަށުން ހަނި ދާއިރާއެއްގައެވެ.
އަނެއްކޮޅުން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ކަފްރު އަގަބްގައި އިސްރާއީލުން ހިންގަމުންދާ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން، އެ ރަށުގެ ގިނަ ޢިމާރާތްތަކަކުން ފަލަސްޠީނުގެ ރައްޔިތުން ހުސްކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ ތެރޭގައި ސްކޫލްތަކާއި ކުޑަކުދިންގެ ބަގީޗާތައް (ޕްރީ-ސްކޫލް) ވެސް ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ހަނގުރާމައިގައި މިހާތަނަށް 71,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފެށުނު ފަހުން ޝަހީދުކޮށްލި 480 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.


