ބޭރުދުނިޔެ

ބަނގްލަދޭޝްގައި ތިބި 180،000 ރޯހިންގިޔާ ރެފިއުޖީން ގެންދަން އެއްބަސްވެއްޖެ

ބަނގްލަދޭޝްގައި ތިބި 180،000 ރޯހިންގިޔާ ރެފިއުޖީން އަނބުރާ ގެންދިއުމަށް މިޔަންމާއިން އެއްބަސްވެއްޖެއެވެ.

ބޭންކޮކްގައި ބޭއްވުނު މަޝްވަރާތަކަކަށްފަހު، މިޔަންމާއިން ބަނގްލަދޭޝްގައި ދިރިއުޅެމުންދާ 180،000 ރޯހިންގިޔާ ރެފިއުޖީން އަނބުރާ ގެންދިއުމަށް އެއްބަސްވެއްޖެކަމަށް ބަނގްލަދޭޝް ސަރުކާރުން ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައިވާ ރެފިއުޖީން އަނބުރާ ފޮނުވުމުގެ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
2017 ވަނަ އަހަރު މިޔަންމާ ސިފައިން ހިންގި އަނިޔާވެރި ޙަމަލާތަކާ ގުޅިގެން ގާތްގަނޑަކަށް އެއް މިލިއަނަށްވުރެ ގިނަ ރޯހިންގިޔާ މުސްލިމުން ވަނީ ބަނގްލަދޭޝްގެ ދެކުނު-އިރުމަތީ ސަރަޙައްދުގައި ހުރި ކޭމްޕްތަކަށް ފިލާފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ. މީގެ އިތުރުން، ފާއިތުވި އަހަރު އިތުރު 70،000 ރޯހިންގިޔާ ރެފިއުޖީން ބަނގްލަދޭޝްއަށް ވަނީ އައިސްފައެވެ.
މި އެއްބަސްވުމަކީ ބޭންކޮކްގައި ބޭއްވުނު 6 ވަނަ ބިމްސްޓެކް ސަމިޓްގެ އަރިމަތިން ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ހައި ރެޕްރެޒެންޓެޓިވް ޚަލީލުއްރަޙްމާނާއި މިޔަންމާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރ ތާން ސްވޭ އާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި ވެވުނު އެއްބަސްވުމެކެވެ.

2018 އާއި 2020 އާ ދެމެދު ބަނގްލަދޭޝްއިން މިޔަންމާއަށް ހުށަހެޅި 800،000 ރޯހިންގިޔާގެ ލިސްޓުގެ ތެރެއިން 180،000 މީހުންގެ ނަންތައް ވަނީ ފާސްކޮށްފައެވެ. އަދި އިތުރު 70،000 މީހުންގެ ފޮޓޯއާއި އައިޑެންޓިޓީ ތަފްސީލުތައް އިތުރަށް ބަލަން ޖެހޭކަމަށް މިޔަންމާއިން ބުނެފައިވެއެވެ. އަދި ބާކީ އޮތް 550،000 މީހުންގެ ނަންތައް ވެރިފައި ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް މިޔަންމާއިން ވަނީ އެއްބަސްވެފައެވެ.
ގިނަ ރޯހިންގިޔާ ރެފިއުޖީން ބުނާ ގޮތުގައި އެންމެންނަށްވެސް އަނބުރާ ގެއަށް ދެވެންޖެހޭނެއެވެ.

މި މައްސަލައަކީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މައްސަލައެއް ކަމުގައިވާއިރު، ރެފިއުޖީންގެ ޙައްޤުތައް ރައްކާތެރިކޮށް، އެމީހުންގެ ރައްކާތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close