އީރާނުން އެމެރިކާއާ ސީދާ މަޝްވަރާކުރާނެ: ޓްރަމްޕް

އީރާނުން އެމެރިކާއާ ސީދާ މަޝްވަރާކުރަން ބޭނުންވާނެ ކަމަށް ހީކުރެވޭކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުން އެމެރިކާއާ ސީދާ މަޝްވަރާކުރަން ބޭނުންވާނެ ކަމަށް އެމަނިކުފާނަށް ހީކުރެވޭ ކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެ، އެއްގައުމު އަނެއްގައުމަށް އިންޒާރުދެމުންދާ ދަނޑިވަޅެއްގައި ރައީސް ޓްރަމްޕް ދެއްވާފައިވާ ބަޔާނެކެވެ.
“އަހަރެންނަށް ހީވަނީ ސީދާ މަޝްވަރާކުރުން މާ ރަނގަޅުވާނެހެން، އެހެން ގޮތްގޮތުން މެދުވެރިވެގެން ވާހަކަދެއްކުމަށްވުރެ ސީދާ ވާހަކަދެއްކީމަ ކަންކަން އަވަސްވެ، އަނެއް ފަރާތް ވެސް ރަނގަޅަށް ދެނެގަނެވޭނެ. އެމީހުން ބޭނުންވީ މެދުވެރިންގެ އެހީގައި ވާހަކަދައްކަން. އެކަމަކު މިހާރު އެކަން އެހެން އޮތް ކަމަކަށް އަހަރެންނަކަށް ނުފެނޭ.” ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
މިދިޔަ މަހު ރައީސް ޓްރަމްޕް ވަނީ އީރާނުގެ ވެރިންނަށް ސިޓީއެއް ފޮނުއްވައި، އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގޮވާލައްވާފައެވެ. އަދި އޭގެ އިތުރުން އެމަނިކުފާނު ވަނީ އީރާނަށް ސިފައިން ފޮނުވައިގެން ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދެއްވަމުން ގެންދަވާފައެވެ.
ނަމަވެސް އީރާނުން ވަނީ އެމެރިކާއާ ސީދާ މަޝްވަރާކުރުމަށް އިންކާރުކޮށް، އެހެން ފަރާތްތަކުގެ މެދުވެރިކަމާއެކު ވާހަކަދެއްކުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އެހެންކަމުން، އީރާނުގެ މި ސްޓޭންޑް ބަދަލުވެފައިވާކަން ނުވަތަ ރައީސް ޓްރަމްޕް ވިދާޅުވެފައި އެވަނީ އަމިއްލަ ލަފައެއްގެ މައްޗަށްކަން ސާފެއް ނުވެއެވެ.
އެމެރިކާގެ ސަރުކާރުން ދަނީ އީރާނުގެ ތެލުގެ އެކްސްޕޯޓްތައް، ޚާއްޞަކޮށް ޗައިނާއަށް ކުރާ އެކްސްޕޯޓްތައް މުޅިން ހުއްޓުވާލުމުގެ މަޤްޞަދުގައި އެ ޤައުމުގެ މައްޗަށް އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. 2018 ވަނަ އަހަރު، އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހަނިކުރުމާ ގުޅިގެން އެ ޤައުމުގެ މައްޗަށް އަޅާފައިވާ ބައިނަލްއަޤްވާމީ ފިޔަވަޅުތައް ލުއިކޮށްދިނުމަށް ވެފައިވާ އެއްބަސްވުން ބާޠިލުކުރައްވާފައެވެ.
އެމެރިކާއާއި އީރާނުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެފައިވަނީ 1979 ވަނަ އަހަރު އީރާނުގައި ހިނގި އިސްލާމީ އިންޤިލާބާ ގުޅިގެންނެވެ. އޭގެ ފަހުން ދެ ޤައުމުގެ ދެމެދުގައި ސީދާ ޑިޕްލޮމެޓިކް ގުޅުމެއް ޤާއިމުވެފައެއް ނުވެއެވެ. 2015 ވަނަ އަހަރު އީރާނާއި ބައިނަލްއަޤްވާމީ ބާރުތަކާ ދެމެދު ވެވުނު ނިއުކްލިއަރ އެއްބަސްވުމަކީ ދެ ޤައުމުގެ ގުޅުން ރަނގަޅުވާނެ ކަމުގެ އުންމީދު ގެނުވި އެއްބަސްވުމެކެވެ. ނަމަވެސް 2018 ގައި ރައީސް ޓްރަމްޕް މި އެއްބަސްވުމުން ވަކިވުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، އެއްބަޔަކު އަނެއްބަޔަކަށް އިންޒާރު ދިނުމުގެ ސިލްސިލާއެއް ފެށިގެން ދިޔައެވެ. މި ހާލަތުގައި ރައީސް ޓްރަމްޕްގެ މި ބަޔާނަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވެދާނެ ކަމުގެ އަލަމާތެއް ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ.


