ބޭރުދުނިޔެ

ޗެކް ރިޕަބްލިކުން ބޮސްނިއާއަށް 150 ސިފައިން ފޮނުވަނީ

ބޮސްނިއާ އެންޑް ހަރޒެގޮވީނާގައި އިތުރުވަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ޗެކް ރިޕަބްލިކުން އެ ޤައުމަށް 150 ޕެރަޓްރޫޕަރުން ފޮނުވަން ނިންމައިފިއެވެ.

ޗެކް ރިޕަބްލިކުގެ ޕަބްލިކް ބްރޯޑްކާސްޓަރ ރޭޑިއޯ ޕްރާގުން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި ޗެކް ސިފައިން ބޮސްނިއާއަށް ފޮނުވޭނެއެވެ. އަދި އެ ސިފައިން އެތާ ތިބޭނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.

ޗެކް ސިފައިންނާއެކު ރޮމޭނިއާ އަދި އިޓަލީގެ ސިފައިން ވެސް މި ހަފްތާގައި ބޮސްނިއާއަށް ދާނެ ކަމަށް ބެލެވެއެވެ. މި ސިފައިން ބައިވެރިވާނީ ޔޫރަޕިއަން ޔޫނިއަންގެ ސުލްހަވެރިކަން ދެމެހެއްޓުމުގެ މިޝަން (އީޔޫފޯ) ގައެވެ. އީޔޫފޯއިން ބަލަހައްޓަމުންދަނީ 1995 ވަނަ އަހަރު ހަތަރު އަހަރުގެ ހަނގުރާމައަކަށް ފަހު ވެވުނު ޑޭޓަން އެއްބަސްވުމަށް ޢަމަލުކުރެވޭތޯއެވެ.
މި ފިޔަވަޅު އަޅަން ޖެހުނީ ބޮސްނިއާގެ ސަރބް އެންޓިޓީ ކަމަށްވާ ރިޕަބްލިކާ ސަރޕްސްކާގެ ރައީސް މިލޮރާޑް ޑޮޑިކް އެ ސަރަހައްދުގެ ޕާލިމެންޓުން ފާސްކުރި ޤާނޫނުތަކެއްގެ ސަބަބުންނެވެ. މި ޤާނޫނުތަކުގެ ދަށުން ރިޕަބްލިކާ ސަރޕްސްކާގައި ސަލާމަތީ އަދި ޝަރުޢީ މުއައްސަސާތަކުގެ މަސައްކަތް މަނާކޮށްފައިވެއެވެ. ނަމަވެސް މި ޤާނޫނުތައް ވަނީ އެ ޤައުމުގެ އުއްތަމަ ފަނޑިޔާރުގެ ކޯޓުން ހުއްޓުވާފައެވެ.
މި ޤާނޫނުތައް ފާސްކުރީ ބޮސްނިއާގެ ސުލްހަ އެއްބަސްވުން ބަލަހައްޓާ ބައިނަލްއަޤްވާމީ ހައި ރެޕްރެޒެންޓެޓިވްގެ ނިންމުންތަކަށް ތަބާނުވުމުގެ ސަބަބުން ޑޮޑިކްއަށް އެއް އަހަރުގެ ޖަލު ޙުކުމެއް އިއްވައި، ހަ އަހަރަށް އޮފީހުގެ މަޤާމު އަދާކުރުން މަނާކުރުމަށް ސަރާޖެވޯގެ ކޯޓަކުން ނިންމުމަށް ފަހުގައެވެ.
ބުދަ ދުވަހު ސްޓޭޓް ޕްރޮސެކިއުޓަރުންވަނީ “ޤާނޫނު އަސާސީގެ ނިޒާމަށް ބިރުދެއްކުމުގެ” ކުށުގައި ޑޮޑިކް ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ. އަދި ރިޕަބްލިކާ ސަރޕްސްކާގެ ބޮޑުވަޒީރު ރާދޮވާން ވިސްކޮވިޗް އަދި ނެޝަނަލް އެސެމްބްލީގެ ރައީސް ނެނާޑް ސްޓެވަންޑިޗް ހައްޔަރުކުރުމަށް ވެސް އަމުރު ނެރެފައިވެއެވެ.
ބޮސްނިއާ އެންޑް ހަރޒެގޮވީނާއަކީ 1990 ގެ އަހަރުތަކުގައި ހިނގި ބޮޑު ހަނގުރާމައަކަށްފަހު 1995 ގައި ވެވުނު ޑޭޓަން އެއްބަސްވުމުގެ ދަށުން އުފެދުނު ޤައުމެކެވެ. މި ޤައުމު އެކުލެވިގެންވަނީ ދެ އެންޓިޓީއެއްގެ މައްޗަށެވެ. އެއީ ބޮސްނިއަކްސް އަދި ކްރޮއޭޓްސް ދިރިއުޅޭ ފެޑެރޭޝަން އޮފް ބޮސްނިއާ އެންޑް ހަރޒެގޮވީނާ އާއި ސަރބް އަޣުލަބިއްޔަތު އޮންނަ ރިޕަބްލިކާ ސަރޕްސްކާއެވެ.

މި ދެ އެންޓިޓީގެ މެދުގައި އޮންނަ ވާދަވެރިކަމާއި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ޤައުމުގެ ސިޔާސީ މަޝްރަޙު އަބަދުވެސް އޮންނަނީ ނާޒުކު ހާލަތެއްގައެވެ. ޚާއްޞަކޮށް ރިޕަބްލިކާ ސަރޕްސްކާގެ ވަކިވުމުގެ ވިސްނުން އޮތުމާއި، މަރުކަޒީ ސަރުކާރުގެ ބާރުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން ޤައުމުގެ ސިޔާސީ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

މިފަދަ ހާލަތްތަކުގައި ބައިނަލްއަޤްވާމީ ބާރުތަކުން އެ ޤައުމުގެ ސުލްހަ ދެމެހެއްޓުމަށް މަސައްކަތްކުރަމުން ގެންދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close