ޔަމަނުން ވެސް އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި

ޔަމަނުގެ އަސްކަރިއްޔާއިން، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައިވާ އިސްރާއީލްގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދީފިއެވެ. މި ހަމަލާ ދީފައިވަނީ، އިސްރާއީލުން ޔަމަނަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އޭގެ ބަދަލުހިފުމުގެ ގޮތުންނެވެ.
އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ އާދީއްތަ ދުވަހުގެ ރޭ ޔަމަނުގެ ހުޅަނގުގައިވާ ހުދައިދާ ސިޓީއަށް މަދުވެގެން 20 ވައިގެ ހަމަލާ ދީފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޔަމަނުގެ މުހިންމު ތިން ބަނދަރެއް ކަމަށްވާ ހުދައިދާ، ރަސް އީސާ، އަދި އައް-ސަލީފް ބަނދަރަށާއި ހުދައިދާގެ ކަރަންޓު އުފައްދާ ސްޓޭޝަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީ، އެ ސަރަހައްދުތައް ހުސްކުރުމަށް އަންގާފައެވެ.
ޔަމަނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނަށް އަމާޒުވި އިސްރާއީލުގެ އަރައިގަތުންތަކާ އެ ޤައުމުގެ ވައިގެ ދިފާޢީ ބާރުތަކުން ކުރިމަތިލާފައިވާ ކަމަށެވެ.
“ޔަމަނުގެ އަސްކަރިއްޔާ އޮތީ މަތީ ދަރަޖައަކަށް ތައްޔާރުވެފައިކަމުގެ ޔަގީންކަން އަޅުގަނޑުމެންގެ ރައްޔިތުންނަށާއި، މި އުއްމަތުގެ މިނިވަން ރައްޔިތުންނަށް އަރުވަން، ﷲގެ ވާގިފުޅާއެކު، އަރައިގަންނަ ފަރާތްތަކާ ކުރިމަތިލުމުގެ ގާބިލްކަން އަޅުގަނޑުމެންނަށް ލިބިގެންވޭ، މިފަދަ ހަމަލާތަކަކުން އަޅުގަނޑުމެންގެ އަސްކަރީ ގާބިލްކަމަށް އަސަރެއް ނުކުރާނެ، ޣައްޒާއާއި ފަލަސްތީނަށް އެހީތެރިވުމުގެ އޮޕަރޭޝަންތައް ބާރުމިނެއްގައި ކުރިއަށްދާނެ،” އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ޔަމަނުން ދިން މިސައިލް ހަމަލާއާ ގުޅިގެން އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަމަނުގެ މަދުވެގެން އެއް ބެލިސްޓިކް މިސައިލް، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ވައިގެ ސަރަހައްދަށް ވަދެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން، ހިފާފައިވާ ހުޅަނގު އައްސޭރި އަދި އަލް-ޤުދުސް ހިމެނޭ ގޮތަށް އިސްރާއީލުގެ ބައެއް ސަރަހައްދުތަކުގައި އެއަރ ރެއިޑް ސައިރަންތައް ވަނީ އަޅާފައެވެ. އަދި މިސައިލް ވެއްޓިދާނެ ކަމުގެ ބިރަށް، އިސްރާއީލުގެ މައި ބައިނަލްއަޤްވާމީ އެއަރޕޯޓް ކަމަށްވާ ބެން ގޫރިއަން އެއަރޕޯޓުގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދުކަނޑާލާފައިވެއެވެ.
ޔަމަނުގެ އަސްކަރިއްޔާއިން އިސްރާއީލާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކަކީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ “ނަސްލު ނައްތާލުމުގެ ހަނގުރާމަ”އާ ގުޅިގެން ކުރިއަށްގެންދާ ކަންކަމެވެ. އެގޮތުން، ޔަމަނުން ވަނީ ކަނޑުމަގުން އިސްރާއީލަށް އަސްކަރީ ސާމާނު އުފުލުމަށް ހުރަސްއެޅުމަށާއި، ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށްޓަކައި މުހިންމު ކަނޑުގެ ދަތުރުތަކުގައި ސްޓްރެޓެޖިކް ބްލޮކޭޑެއް ޤާއިމުކޮށްފައެވެ.
ޔަމަނުގެ އަސްކަރިއްޔާއިން ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ވައިގެ އަދި އެއްގަމުގެ ހަމަލާތައް ހުއްޓާލުމަށް ދާންދެން، އެ ޤައުމުން އިސްރާއީލަށް ހަމަލާދިނުން ހުއްޓާނުލާނެ ކަމަށް ބުނެފައެވެ. 202
2023 އޮކްޓޯބަރ 7 އިން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 57,300 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



