ކާބުލް އެއާޕޯޓްގައި ގޮވި ގޮވުމެއްގައި އެތައް ބަޔަކު މަރުވެއްޖެ – މީޑިއާ
ލޯކަލް ސެކިއުރިޓީ މަސްދަރަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދިހަ މީހަކު މަރުވެ އިތުރު އަށް މީހަކު ޒަޚަމްވެފައިވާ ކަމުގެ ބިރު އެބައޮތެވެ
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެޤައުމުގެ އަސްކަރީ އެއާޕޯޓެއްގެ ބޭރުގައި ހުކުރު ދުވަހު ނުރައްކާތެރި ގޮވުމެއް ގޮއްވާލާފައިވާ ކަމަށް ތާލިބާނުން ހިންގާ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ.
ނޫސް އެޖެންސީއާ ވާހަކަ ދައްކަވަމުން އަބްދުލް ނާފީ ތާކޯރު ކަށަވަރުކޮށްދެއްވީ، “ހުކުރުދުވަހު ހެނދުނު ކާބުލްގެ އަސްކަރީ އެއާޕޯޓުގެ ބޭރުގައި ގޮވުމެއް ގޮވައި، އެ ގޮވުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ ޒަޚަމްވެފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކަމާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ނަން ހާމަނުކުރާ ލޯކަލް ސެކިއުރިޓީ ފޯސްތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދިހަ މީހަކު މަރުވެފައިވާއިރު، އިތުރު އަށް މީހަކު ވަނީ ޒަޚަމްވެފައެވެ.
އޭއެފްޕީގެ ނޫސް އެޖެންސީން ބުނާ ގޮތުގައި މި ގޮވުންގޮވާފައިވަނީ ކާބުލް އިންޓަނޭޝަނަލް އެއާޕޯޓާ ޖެހިގެން އޮންނަ އަސްކަރީ އެއާފީލްޑެއްގެ އެންޓްރެންސްގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސަލާމަތީ ބާރުތަކުން ވަނީ ބޮން ގޮއްވާލި ސަރަހައްދު ބަންދު ކޮށްފައެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެއާޕޯޓް ކައިރީގައި އޮންނަ އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ އޮފީހެއްގައި ވަނީ އަލިފާން ރޯވެފަ އެވެ.




