ބޭރުދުނިޔެ

ކޮންގޯގެ ކުރީގެ ރައީސް ކަބީލާގެ ޕާޓީގެ އިސް މެންބަރުންނާ އަސްކަރިއްޔާއިން ސުވާލުކުރަނީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކުރީގެ ރައީސް ޖޯސެފް ކަބީލާގެ ޕާޓީގެ އިސް މެންބަރުންނާ އަސްކަރީ ޕްރޮސެކިއުޓަރު ސުވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ކަބީލާގެ ޕީޕަލްސް ޕާޓީ ފޮރ ރީކޮންސްޓްރަކްޝަން އެންޑް ޑިމޮކްރެސީގެ ގާތްގަނޑަކަށް 10 މެންބަރުންނަށް އަސްކަރީ ޕްރޮސެކިއުޓަރުގެ އޮފީހުން ދަޢުވަތު ފޮނުވާފައިވާ ކަމަށް އެ ޕާޓީގެ ވަކީލު ޖީން މްބުޔު ބުނެފައިވެއެވެ. ނަމަވެސް މިއަދު ސުވާލުކުރުމަށް ހާޒިރުވާނީ އޭގެ ތެރެއިން ތިން މެންބަރުން ކަމަށް އޭނާ ހާމަކުރިއެވެ.
މި ތިން މެންބަރުންގެ ތެރޭގައި ހިމެނެނީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ނެޝަނަލް އެސެމްބްލީގެ ރައީސް އޯބިން މިނަކު އާއި ކުރީގެ އިންޓީރިއަރ މިނިސްޓަރު އަދި ރިޔާސީ ކެންޑިޑޭޓު އިމާނުއެލް ރަމަޒާނީ ޝަދާރީއެވެ.

މި ދަޢުވަތުތައް ފޮނުވާފައިވަނީ ކީއްވެގެންކަން ސާފުކޮށް އެނގެން ނެތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މިއީ ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ރުވާންޑާގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ އެމް23 ބަޣާވާތްތެރިންނާ ގުޅިގެން އުފެދިފައިވާ ސިޔާސީ ގުޅުންތަކުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

ކުރީގެ ރައީސް ކަބީލާއާއި މިހާރުގެ ރައީސް ފެލިކްސް ޗިސެކެދީ ކުރިން ވަނީ ބާރު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، އެމް23 ބަޣާވާތްތެރިން ޖެނުއަރީ މަހުން ފެށިގެން ކޮންގޯގެ އިރުމަތީ ސަރަހައްދުގެ އެންމެ ބޮޑު ދެ ސިޓީ ހިފާފައިވުމާ ގުޅިގެން، ޗިސެކެދީ ވަނީ ކަބީލާ އެ ބަޣާވާތްތެރިންނަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން، ކަބީލާ ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކާ ބައްދަލުކޮށް، ޤައުމުގެ ސިޔާސީ މުސްތަޤުބަލާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިކަން ހިނގާފައި ވަނީ އެމް23ގެ އަސްކަރީ ޙަމަލާތަކާ ދެކޮޅަށް ޗިސެކެދީގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ފާޑުކިޔުންތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close