ކޮބްރާއަކަށް ބޮސްދޭން އުޅުމުން އެމީހާގެ މޫނުގައި ދަތްއަޅައިފި (ވީޑިއޯ)
ކޮބްރާ (ހަރުފަ) އަކަށް ބޮސްދޭން އުޅުނު މީހެއްގެ މޫނަށް އެ ހަރުފަ ހަމަލާދީފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެއީ އެންމެ ވިހަގަދަ ހަރުފައިގެ ވައްތަރުގެ ހަރުފައެއް ކަމުން މި ހާދިސާގައި އަނިޔާވި މީހާ މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާހޯދަމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެމީހާ މިހާރުދަނީ ފުރާނައާއި ހަނގުރާމަ ކުރަމުންނެވެ.
އޭއެޗް ސިއްދީގީ ޓްވިޓާގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ކަރްނާޓަކާ ސްޓޭޓްގެ އެމީހާ ކޮބްރާއަށް ބޮސްދޭން އުޅޭތަން ފެނެ އެވެ.
އެމީހާ ހަރުފަ ހިފަހައްޓައިގެން ހުއްޓާ، ކުއްލިއަކަށް ކުރިއަށް ފުންމާލައި އޭނާގެ އަނގައިގައި ދަތްއަޅައެވެ. އެއަށްފަހު އެމީހާ ހަރުފަ ވައްޓާލައެވެ.
އެ ވީޑިއޯގެ ކެޕްޝަންގައި ސިއްދީގީ ބުނީ އެމީހާއަކީ “ރެޕްޓައިލް އެކްސްޕާޓެއް” ކަމަށާއި އެމީހާ އުޅުނީ އެ ކޮބްރާ ސަލާމަތް ކުރުމަށް ފަހު އެ ކޮބްރާ އަށް ބޮސްދޭން ކަމަށެވެ.
ކޮބްރާ އަކީ އިންޑިއާ އާއި ދެކުނު ޗައިނާ އާއި އިރުދެކުނު އޭޝިއާ އަށް ނިސްބަތްވާ ވަރަށް ވިހަ ހަރުފައެކެވެ. އެއީ ދުނިޔޭގައި ދިރިއުޅޭ އެންމެ ވިހަގަދަ ހަރުފަ ކަމަށް ބެލެވެ އެވެ.


