ވިއްސާރަވެ ފިނިވުމުގެ ސަބަބުން ދިއްލީގެ ގަދަ ހޫނަށް ބޮޑު ލުޔެއް ލިބިއްޖެ

ގަދަ ހޫނުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ އިންޑިއާގެ ވެރިރަށް ދިއްލީއާއި އެ ސަރަހައްދުގެ ރަށްތަކަށް ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން ފިނިހޫނުމިނަށް ބޮޑު ބަދަލެއް އައިސްފިއެވެ. މި ބަދަލާއެކު ދިއްލީގެ ބައެއް ހިސާބުތަކުން ފިނިހޫނުމިން 10 އާއި 15 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް ކުއްލިއަކަށް ވަނީ ދަށަށް ގޮސްފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ހާމަކޮށްފައިވާ ގޮތުގައި، ދިއްލީގެ އިތުރުން ގުރޫގްރާމް، ނޮއިޑާ، ގާޒިއާބާދު އަދި ފަރީދްއާބާދަށް ކުރި މި ވިއްސާރައަކީ އެ ސަރަހައްދަށް ކުރިމަތިވި ވެސްޓާން ޑިސްޓާބަންސްއެއްގެ ސަބަބުންނާއި އިރުމަތިން އައި ވައިގެ ސަބަބުން މެދުވެރިވި ކަމެކެވެ. މީގެ ކުރިން އެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 45 ޑިގްރީ ސެލްސިއަސްއާ ގާތްކުރާ މިންވަރެއްގައެވެ.
މި ވިއްސާރައާ އެކު ދިއްލީގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ގަދަޔަށް ވައިޖެހި، ގަނޑުފެނުގެ ވާރޭ ވެސް ވަނީ ވެހިފައެވެ. އަދި ވާރޭ ވެހުމުގެ ކުރިން ގަޑިއަކު 70 އާއި 90 ކިލޯމީޓަރުގެ ބާރުމިނުގައި ބައެއް ހިސާބުތަކަށް ހިރަފުހުގެ ތޫފާނެއް އައިސް، މަގުމަތީގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެރިއެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ދިއްލީއާއި، ހަރިޔާނާ، ޕަންޖާބު، އުއްތަރަ ޕްރަދޭޝް އަދި ރާޖަސްތާން ހިމެނޭ ސަރަހައްދުތަކަށް ވިއްސާރަކޮށް، ވައިގަދަވާނެއެވެ. އެހެންކަމުން ގަދަޔަށް ވައިޖެހި، ގުގުރާ ވަގުތުތަކުގައި ގަސްގަހާގެހީގެ ދަށަށް ނުދިއުމަށާއި، ރައްކާތެރި ހިސާބުތަކުގައި ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



