އީރާނުގެ އެންމެ މަތީ ލީޑަރު ހިމާޔަތްކުރުމުގެ ޒިންމާ އުފުލާ ޔުނިޓަށް އާ ކޮމާންޑަރަކު އައްޔަންކޮށްފި
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހޮނިހިރު ދުވަހު އެގައުމުގެ އެންމެ މަތީ ލީޑަރު ހިމާޔަތްކުރުމުގެ ޒިންމާ އުފުލާ ޔުނިޓަށް އާ ކޮމާންޑަރަކު އައްޔަންކޮށްފި ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެފި އެވެ.
އައިއާރުޖީސީގެ ތަރުޖަމާނު ރަމީޒާން ޝަރީފާއި ހަވާލާދީ ސެމީ އޮފިޝަލް ތަސްނިމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިއާރުޖީސީގެ “ވަލީ އަމްރު” ޔުނިޓްގެ އާ ކޮމާންޑަރަކަށް ހަސަން މަޝްރޫއީފަރު އައްޔަން ކުރެއްވީ އައިއާރުޖީސީގެ ޗީފް ކޮމާންޑަރު ހުސެއިން ސަލާމީ އެވެ.
އެ ޔުނިޓަކީ އީރާނުގެ އެންމެ މަތީ ބާރު، ސުޕްރީމް ލީޑަރު އަލީ ޚަމަނާއީ ހިމާޔަތް ކުރުމުގެ ޒިންމާ އުފުލާ ޔުނިޓެކެވެ.
2010 ވަނަ އަހަރުން ފެށިގެން އެ ޔުނިޓްގެ އިސްވެރިއަކަށް ހުންނެވި އިބްރާހިމް ޖައްބާރީގެ ބަދަލުގައި މަޝްރޫއީފަރު ހުންނެވި އިރު، ޖައްބާރީއަށް އާ ރޯލެއް ދީފައިވޭތޯ ޝަރީފް ވިދާޅެއް ނުވެ އެވެ.
ޖައްބާރީގެ ބަދަލުގައި ވަޑައިގަތީ 2009 ވަނަ އަހަރުން ފެށިގެން އައިއާރުޖީސީގެ އިންޓެލިޖެންސް އޯގަނައިޒޭޝަންގެ ވެރިޔާގެ މަގާމުގައި ހުންނެވި ބާރުގަދަ ދީނީ އިލްމުވެރިއެއް ކަމަށްވާ ހުސެއިން ތާބްގެ ބަދަލުގައި އައިއާރުޖީސީން ވަޑައިގެންނެވިތާ ދުވަސްތަކެއް ފަހުންނެވެ.
ތާބް ހައިރާންކަމާއެކު ވަޒީފާއިން ވަކިކުރީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި އައިއާރުޖީސީގެ މެމްބަރުންގެ އިތުރުން އީރާނުގެ އަސްކަރިއްޔާއާ ގުޅުން ހުރި އެހެން ބައެއް ފަރާތްތައް އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަހު މަގާމުގައި ހުންނެވި ޖައްބާރީ އާއި ތާބް ކައިރިކައިރީގައި ވަކިކުރުމުން ސުވާލު އުފެދެ އެވެ. ޖައްބާރީ ވަނީ 2009 ވަނަ އަހަރު ބަސީޖް – އައިއާރުޖީސީގެ ޕެރަމިލިޓަރީ ގެ އިސްވެރިއަކަށް ތާބް ހުންނެވިއިރު ތާބްގެ ނައިބުގެ މަގާމު ކުރު މުއްދަތަކަށް އަދާކުރައްވާފަ އެވެ.




