ޔޫކްރެއިންގައި ނާދެވިފައި ތިބި ދިވެހިންނަށް ސަރުކާރުން ފައިސާ ފޮނުވަނީ
ޔޫކްރެއިންގައި މިވަގުތު ނާދެވިފައި ތިބި ދިވެހިންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ޔޫކްރެއިންއަށް ރަޝިއާ ސިފައިން އަރައި ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިން ބޭރު ކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ މެދުވެރިވެގެން ދަނީ ކުރަމުންނެވެ. މިހާރު ޔޫކްރެއިންއިން ބޭރުނުވެވި ތިބީ12 ދިވެހިންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ފައިސާގެ އެހީ ފޮނުވަން ނިންމީ ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން އެ ގައުމުގައި ތަކެތީގެ އަގު އުފުލެމުންދާތީ ކަމަށެވެ. ޔޫކްރެއިންގެ އިތުރުން ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންވެސް ރާއްޖެ އަންނަން ބޭނުންވާ ނަމަ ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ދިވެހީންގެ ތެރެއިން ވެރިރަށް ކައިރީގައި ދިރިއުޅޭ ތިން މީހުންގެ އާއިލާއެއް މިހާރު ވެސްޓާން ބޯޑަރާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި އެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ އެ އާއިލާއިން އަމިއްލައަށް ކަމަށް ބުންޏެވެ.
ޔޫކްރެއިންގައި ގިނައިން ތިބީ މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ. ހަނގުރާމަ އާއި ގުޅިގެން އެ ދަރިވަރުން ތައުލީމުހާސިލް ކުރަމުންދާ ޔުނިވާސިޓީ ތަކުން ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށާފަ އެވެ.
މިނިސްޓްރީން ބުނީ ޔޫކްރެއިން ކައިރީ އޮންނަ ބެލަރުސްގައި ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީ ހަމަޖައްސައިދޭން ނިންމީ އެ ތަނަށް ނުރައްކަލެއް ނެތުކުން ޔުނިވާސިޓީތައް ބަންދުކޮށްފައި ނުވާތީ ކަމަށެވެ.
މިނިސްޓްރީން ދަނީ ބެލަރުސްގައި ތިބި ދަރިވަރުންގެ ހާލުވެސް ބަލަމުންނެވެ. އަދި އެކަމުގެ ސަބަބުން އަސަރުކޮށްފައިވާ ދަރިވަރުންނަށް ސޯޝިއޯސައިކޯ ސަޕޯޓް ދިނުމަށް ސޯޝަލް ސާވިސަސް މިނިސްޓްރީއާއެކު ދަނި މަސައްކަތް ކުރަމުންނެވެ.

