ބޭރުދުނިޔެ

ސްރީލަންކާގެ އާ ބޮޑުވަޒީރަކަށް ޑރ. ހަރީނީ އަމަރަސޫރިޔާ ހަމަޖައްސައިފި

ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ، އެގައުމުގެ އާ ބޮޑުވަޒީރަކަށް ކޮލެޖް ޕްރޮފެސަރު އަދި ފުރަތަމަ ފަހަރަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ޑރ. ހަރީނީ އަމަރަސޫރިޔާ ހަމަޖައްސައިފި އެވެ. މިއީ މި މަޤާމަށް އިސްކުރެވޭ ތިންވަނަ އަންހެން ބޭފުޅާއެވެ

ސްރީލަންކާގެ އާ ރައީސް 55 އަހަރުގެ ޑިސަނާޔަކެ އަމިއްލަފުޅަށް މާލީ ވުޒާރާ ބަލަހައްޓަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އާ ރައީސް މާލީ ވުޒާރާއާ އަމިއްލަފުޅަށް ހަވާލުވީ ސްރީލަންކާ 70 އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ޑިސަނާޔަކެ ވަނީ މާލީ ވުޒާރާގެ އިތުރުން އިޤްތިޞާދީ ތަރައްޤީ އަދި ފަތުރުވެރިކަމުގެ ދާއިރާ ވެސް ބަލަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

އާ ރައީސް ޑިސަނާޔަކެގެ ނިންމުންތަކުގެ ސަބަބުން އިންވެސްޓަރުންގެ ކަންބޮޑުވުންތައް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި ޓެކްސް ކުޑަކުރުމަށް ގެންގުޅުއްވާ ވިސްނުމާއި، އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖްގެ ޝަރުތުތަކަށް ބަދަލުގެންނަން ބޭނުންފުޅުވާކަން ހިމެނެއެވެ. އެހެންނަމަވެސް، ހޯމަ ދުވަހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ނިންމުންތަކާ ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ.

އާ ބޮޑުވަޒީރު އަމަރަސޫރިޔާ 54 އަކީ 2020 ގައި ޕާލިމަންޓަށް ހޮވިވަޑައިގަތް ބޭފުޅެކެވެ. މި ބޭފުޅާ އަކީ އެޑިންބަރާ ޔުނިވަރސިޓީން ސޯޝަލް އެންތްރޮޕޮލޮޖީގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވާފައިވާ އެކެޑެމިކް ބޭފުޅެކެވެ.

ބޮޑުވަޒީރުކަމުގެ އިތުރުން އެ ކަމަނާ ތަޢުލީމު، މީޑިއާ، އަންހެނުންނާއި ކުޑަކުދިންނާބެހޭ ކަންކަމުގެ ވުޒާރާތައް ވެސް ބަލަހައްޓަވާނެއެވެ.

ޑިސަނާޔަކެގެ ޕާޓީއަށް މިހާރުގެ ޕާލިމެންޓުގައި އޮތީ 225 ގޮނޑިން 3 ގޮނޑިއެވެ. އެހެންކަމުން، އަވަސް މުއްދަތެއްގެ ތެރޭގައި ޕާލިމެންޓް އުވާލައި، އާންމު އިންތިޚާބަކަށް ގޮވާލައްވާނެ ކަމަށް ތަޙުލީލުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
މިއީ 2022 ގައި ސްރީލަންކާގެ އިޤްތިޞާދު ވެއްޓި، ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، އަސާސީ ބޭނުންތަކުގެ ތަކެތި އިމްޕޯޓުކުރުމަށް ފައިސާ ނުދެއްކިގެން ދިމާވި ބޮޑު ހީނަރުކަމަށްފަހު ބޭއްވުނު ފުރަތަމަ އިންތިޚާބެވެ. އޭރު ކުރިމަތިވި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ގައުމު ދޫކޮށް ފިއްލަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close