ޚަބަރު

އިޓަލީގެ 90 އަހަރުން މަތީގެ އާބާދީ މިލިއަނަކަށް އަރަނީ

އިޓަލީގެ 90 އަހަރުން މަތީގެ އާބާދީ ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި 1 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިޓަލީގެ ސިއްހަތާބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ޖަމްއިއްޔާއެއް ކަމަށްވާ “އިޓާލިއާ ލޮންޖެވާ” އާ ހަވާލާދީ އިޓަލީގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި އެ ގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ މީހުންނަށް ވާނެ ކަމަށެވެ. އަދި މި މީހުންނަކީ އެކަނިވެރިވެ، އެކަހެރިވުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ބައެއް ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

މި ހާލަތުގައި ގޭގައި ތިބެގެން ބަލަހައްޓަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިގޮތުން އަންނަ 20 އަހަރުގެ ތެރޭގައި 6 މިލިއަނެއްހާ އުމުރުން ދުވަސްވީ މީހުން އެކަނިވެރިވެ، އެކަހެރިވުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މިހާރުވެސް ޑިމެންޝިއާގެ ސަބަބުން އަމިއްލައަށް ކަންކަން ނުކުރެވޭ މީހުންގެ ތެރެއިން 64 އިންސައްތަ މީހުންނަކީ ސިއްހީ އަދި އިޖްތިމާއީ ޚިދުމަތްދޭ މަރުކަޒެއްގައި ބަލަހައްޓަމުންދާ ބައެއް ނޫން ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އާއިލާތަކަށް ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
އާބާދީގެ ބޮޑުބައެއް މުސްކުޅިވަމުން ދިއުމާއި، ހަކުރު ބަލި، ހިތުގެ ބަލިތައް އަދި ޑިމެންޝިއާ ފަދަ ބަލިތައް އިތުރުވަމުން ދިއުމާ ގުޅިގެން ގޭގައި ތިބެގެން ބަލަހައްޓަންޖެހޭ މީހުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް، ފުޅާކުރަން ޖެހޭ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

އިޓަލީއަކީ ދުނިޔޭގެ އާބާދީގެ ނިސްބަތުން އެންމެ ހަލުވިކަމާއެކު މުސްކުޅިވަމުންދާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިޓަލީގެ ޖުމްލަ އާބާދީއަކީ ގާތްގަނޑަކަށް 59 މިލިއަން މީހުންނެވެ. މީގެ ތެރެއިން 23 އިންސައްތައަކީ 65 އަހަރުން މަތީގެ މީހުންނެވެ. އަދި އުފަންވާ ކުދިންގެ ނިސްބަތް ދަށްވަމުން ދިއުމާއެކު، އުމުރުން ދުވަސްވީ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ބަދަލުތަކާ ގުޅިގެން، އިޓަލީގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close