ޚަބަރު

އިންޑިޔާ އާއި އިންޑޮނޭޝިއާ އާ ދެމެދު 450 މިލިއަން ޑޮލަރުގެ މިސައިލް ޑީލްއެއް

އިންޑިޔާ އާއި އިންޑޮނޭޝިއާ އާ ދެމެދު 450 މިލިއަން ޑޮލަރުގެ ބްރަހްމޯސް މިސައިލް ޑީލްއެއް ކުރިއަށްދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. 

މީޑިއާ ގައި ފެތުރެމުންދާ ޚަބަރުތައް ބުނާގޮތުގައި އިންޑޮނޭޝިއާގެ ޑިފެންސް މިނިސްޓްރީން ޖަކާޓާގައި ހުންނަ އިންޑިއާގެ އެމްބަސީއަށް މި މިސައިލް ޑީލްއާ ގުޅޭ ސިޓީއެއް ވަނީ ފޮނުވާފައެވެ.

އިންޑިއާއިން މި ޑީލްގެ ދަށުން އިންޑޮނޭޝިއާއަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ނުވަތަ އެހެން ޤައުމީ ބޭންކަކުން ލޯނެއް ދިނުމަށްވެސް ހުށަހަޅާފައިވާ ކަމަށް ބައެއް މަސްދަރުތަކުން ކަށަވަރުކޮށްދީފައިވެއެވެ. އެކްސްޕޯޓް-އިމްޕޯޓް ބޭންކުން މި ލޯނު ދޭން ފުރަތަމަ ހަމަޖެހިފައިވީ ނަމަވެސް އެކަމަށް އަދި އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

ފާއިތުވި އަހަރުގެ ޖެނުއަރީ 6 ގައި އިންޑޮނޭޝިއާވަނީ ބްރިކްސް ޖަމާޢަތުގައި ބައިވެރިވެފައެވެ. ބްރިކްސްގައި ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، ސައުތު އެފްރިކާ، އީޖިޕްޓް، އީތިއޯޕިއާ، އިންޑޮނޭޝިއާ، އީރާން އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް ހިމެނެއެވެ. މި ޖަމާޢަތުގައި އިންޑޮނޭޝިއާ ބައިވެރިވުމާ ގުޅިގެން އިންޑިއާ ރުޕީ އާއި އިންޑޮނޭޝިއާ ރުޕިއާ އާ ދެމެދު މުޢާމަލާތްތައް ކުރެވޭނެ މަގު ތަނަވަސްވެގެން ގޮސްފައިވެއެވެ.

މިއަހަރުގެ ޖަނަވަރީ 26 ގައި އިންޑިއާގެ ރިޕަބްލިކް ދުވަހުގެ ޙަފްލާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ، އިންޑިއާގެ ދަތުރާއެކު ޕާކިސްތާނަށް ދަތުރެއް ކުރައްވަން ރޭއްވެވުމުން މި ޑީލްއަށް އިތުރު ބަދަލުތަކެއް އަތުވެދާނެކަމަށް ބެލެވެއެވެ. ނިއު ދިއްލީއިން މަސައްކަތް ކުރަމުންދަނީ ސުބިއަންޓޯގެ އިންޑިއާ ދަތުރާއި އިސްލާމާބާދު ދަތުރު ވަކިކުރުމަށެވެ. 

ބައެއް ދިރާސާވެރިން ދެކޭގޮތުގައި، އިންޑޮނޭޝިއާގެ ރައީސް މި ދެ ދަތުރު އެއްކޮށްލެއްވުމުން ބްރަހްމޯސް ޑީލްއަށް އަސަރުކޮށްފާނެއެވެ.

އިންޑިއާއިން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ހަތިޔާރުގެ އެކްސްޕޯޓް ޑީލްގެ ގޮތުގައި ފާހަގަކުރެވެނީ ފިލިޕީންސްއާއެކު ކުރެވުނު 374.96 މިލިއަން ޑޮލަރުގެ ބްރަހްމޯސް މިސައިލް ޑީލެވެ. މި ޑީލްގެ ދަށުން 290 ކިލޯމީޓަރުގެ ދުރުމިނަށް، އަޑުގެ ސްޕީޑަށްވުރެ 2.8 ގުނަ ބާރު ސްޕީޑެއްގައި ދަތުރުކުރެވޭ ތިން މިސައިލް ބެޓަރީ ހިމެނެއެވެ. ފިލިޕީންސްއަށް ފުރަތަމަ ބެޗްގެ މިސައިލްތައް ލިބިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ބްރަހްމޯސް އަކީ އިންޑިއާ އާއި ރަޝިއާ ގުޅިގެން ތައްޔާރުކޮށްފައިވާ ސުޕަރސޮނިކް ކްރޫޒް މިސައިލެކެވެ. މި މިސައިލްގެ ނަން ނިސްބަތްވަނީ އިންޑިއާގެ ބްރަހްމަޕުތްރާ އަދި ރަޝިއާގެ މޮސްކްވާ ކޯތާ ކަނޑަށެވެ. އަޑުގެ ސްޕީޑަށްވުރެ 2.8 ގުނަ ބާރު ސްޕީޑެއްގައި ދަތުރުކުރެވޭ މި މިސައިލަށް 290 ކިލޯމީޓަރަށް ވުރެ ދުރަށް ދެވެއެވެ. އަދި މިއީ ކަނޑު، އެއްގަމު އަދި ވައިގެ މަގުން ދޫކުރެވޭގޮތަށް ފަރުމާކުރެވިފައިވާ، 200-300 ކިލޯގްރާމުގެ ވޯހެޑެއް އުފުލޭ މިސައިލެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close