ޓްވިޓާ ބަނގުރޫޓު ނުވި ނަމަވެސް އަދި ސަލާމަތެއް ނެތް: މަސްކް
ޓްވިޓާ އޮތީ އަދި ބަނގުރޫޓް ވުމުގެ މަގުމަތީގައި ނޫންކަމަށާއި، އެހެންނަމަވެސް އަދި ޓްވިޓާއަށް ހިންދެމި ނުލެވޭކަމަށް ޓްވިޓާގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ބުނެފިއެވެ.
ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ރައްދު ދެއްވަމުން އީލޮން މަސްކް ބުނީ މައިކްރޮބްލޮގިން ޕްލެޓްފޯމް ބަނގުރޫޓުވަމުން ނުދާ ކަމަށާއި ނަމަވެސް އަދި ވެސް އަމާން ނޫން ކަމަށެވެ.
މުސްތަގުބަލުގެ ޓެކްނޮލޮޖީ ޚަބަރުތައް ކަވަރުކުރާ ޔޫޓިއުބަރެއް ކަމަށްވާ ފަރުޒާދު މެސްބާހީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ “ޓުޑޭސް އޯލް އިން ޕޮޑްކާސްޓްގައި @elonmusk ބުނަނީ ، (ޓްވިޓާގެ) ހަރަދުތައް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެހެންކަމުން ކުންފުނި މިހާރު އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގައި ނޫން” ކަމަށެވެ.
ޓްވިޓާ ބޮޑު އަގުދީފައި ގަތުމަށްފަހު މަސްކްވަނީ ޓްވިޓާ ސަލާމަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ބްލޫ ޓިކް ސަބްސްކްރިޕްޝަން ވިއްކާގޮތަށް ތައާރަފް ކޮށް ވެބްގައި މަހަކު އަށް ޑޮލަރަށް ހުރިއިރު، އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ބްލޫޓިކް ލިބެނީ މަހަކު 11 ޑޮލަރަށެވެ.
އެންމެފަހުން ޓްވިޓާއިން ބުނީ އެންމެ ފުރަތަމަ މަހަކު 2.99 ޑޮލަރަށް އެންޑްރޮއިޑް ނުވަތަ 4.99 ޑޮލަރަށް އައިއޯއެސް ސަބްސްކްރައިބް ކުރި ފަރާތްތަކުން، މިހާރު ވެބްގައި މަހަކު 8 ޑޮލަރަށް އަދި އައިއޯއެސްގައި މަހަކު 11 ޑޮލަރަށް އަޕްގްރޭޑް ކުރަން ޖެހޭނެ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ހިއްސާއަކަށް އޮރިޖިނަލް 54.20 ޑޮލަރަށް ޖުމުލަ 44 ބިލިއަން ޑޮލަރަށް މަސްކް ޓްވިޓާ ގަތްއިރު، ޓްވިޓާއަށް އިންވެސްޓް ކުރަން އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރިއެވެ. އެކަމަކު އެމުއްދަތުގައި ޓްވިޓާގެ ވިޔަފާރި ނުނިމޭތީ އިންވެސްޓަރުންނަށް އެފުރުޞަތު އޭރު އޮތީ ހަނިވެފައެވެ.
ނިއުސް ޕޯޓަލް ސެމާފޯ އިން ބުނި ގޮތުގައި މަސްކްގެ މަނީ މެނޭޖަރު ޖެރެޑް ބިރްޗަލް ވަނީ “ޓްވިޓާގެ ހިއްސާ އޮކްޓޫބަރު މަހު ކުންފުނި ޕްރައިވެޓް ކުރަން މަސްކް ދެއްކި އަގު ކަމަށްވާ 54.20 ޑޮލަރަށް ހުށަހަޅަން” އިންވެސްޓަރުންނާ ވާހަކަ ދައްކައިފައި ކަމަށެވެ.
އަނެއްކޮޅުން މަސްކް ޓްވިޓާއަށް ގެންނަ ތަރައްޤީތަކާއެކު، ޓްވިޓާއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓްވިޓާ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް “ވިއު ކައުންޓް” ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކުރަން ފަށައިފައެވެ. ޓްވިޓާއިން ބުނީ މި އާ ފީޗާގެ ސަބަބުން “ޔޫޒަރުންގެ ޓުވީޓްތައް ފެނިފައި ވަނީ ކިތައް މީހުންނަށްކަން” ދެނެގަނެވޭނެ ކަމަށެވެ. އެ ފީޗާ މިހާރު ހުރިހާ ޔޫޒަރުންނަށްވެސް ކޮންމެ ޓްވީޓެއްގެ ތިރިން ފެންނަން ހުރެއެވެ.
“ރިޕްލައިތަކާއި ލައިކްތަކުން އެކަނި ނުފުދޭ، “ލައިކްސް ކައިރީގައި ފެންނަ ވިއު ކައުންޓްސް އިތުރުކޮށްގެން ތިބާގެ ޓުވީޓްތައް ފެނިފައި ވަނީ ކިތައް މީހުންކަން ބުނެދޭން ފަސޭހަކުރަމުން މިދަނީ،” ޓްވިޓާގެ ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ވިއު ކައުންޓް ތަޢާރަފް ކުރިނަމަވެސް އެ ޓްވީޓްތަކާ ގުޅިފައިވާ ރިޕްލައި ޓްވީޓްތަކާއި، ކޮމެންޓް ޓްވީޓް ތަކުގެ އިތުރުން، ކޮމިއުނިޓީ ޓުވީޓްތަކާއި ޓްވިޓާ ސާކަލް އަދި ކުރީގެ ޓުވީޓުތަކަށް ވިއު ކައުންޓް ނުފެންނާނެއެވެ.
ޓްވީޓްގެ ވެރި ފަރާތުގެ އިތުރުން މިފީޗާ އެމީހާގެ ފޮލޯވަރުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ. އަދި މީގެ އިތުރުން ޕްރޮޓެކްޓެޑް އެކައުންޓްތަކުގެ ޓުވީޓުތަކުންވެސް ވިއު ކައުންޓްތައް ބަލާލެވޭނެއެވެ.

