ޚަބަރު

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިރޭ ފުރައިފި

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މިރޭ ފުރައިފި އެވެ.

ރާއްޖެއިން މިއަހަރު 453 މީހުން ހައްޖަށް ދާނެ އެވެ. މިއަހަރު ހުރިހާ ހައްޖާޖީންވެސް ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލު ގައި އެވެ.

ހައްޖުވެރިންގެ ތެރެއިން މިރޭ ފުރި ފުރަތަމަ ގްރޫޕުގައި ސައުދީ އަރަބިއްޔާއަށް ދިޔައީ 157 ހައްޖާޖީންނެވެ. އެމީހުން ދަތުރުކޮށްފައިވަނީ ސައުދީ އެއާލައިނުންނެވެ.

ރާއްޖެއިން ހައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ މިރެއާއި އަންނަ ބުދަ ދުވަހާއި ހޮނިހިރު ދުވަހު އެވެ.

މިރޭ ފުރަތަމަ ފުރި ހައްޖުވެރިންނާއި ބައްދަލު ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރުވެސް އެއާޕޯޓަށް ވަޑައިގެން ހައްޖާޖީންނާއި ބައްދަލު ކުރެއްވި އެވެ.

މާލެ އާއި ހުޅުމާލެ އިން ހައްޖާޖީންނާއި އެ މީހުންގެ އާއިލާތަކަށް އެމްޓީސީސީ ބަހުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން އޮތީ ހަމަޖައްސައިފަ އެވެ. އަދި ހައްޖުވެރިން އެއާޕޯޓަށް ދާ ވަގުތުތަކުގައި ބަސް ދަތުރު ކުރާ މަގުތަކުގެ ޓްރެފިކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

ރާއްޖެ އަށް ލިބުނު ކޯޓާގެ ތެރެއިން 100 ކޯޓާ ދިނީ އެކަމަށް ކުރިމަތިލި އާންމުންގެ ތެރެއިން ގުރުއަތުން ހޮވުނު މީހުންނަށެވެ. އަދި ބާކީ 353 ޖާގަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށް ކުރިން ފައިސާ ދައްކައިގެން ކިއުގައި ތިބި މީހުންނަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close