މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން އެދިއްޖެ
އެމްޕީޑީގެ ކޮންގްރެސް ފެށުމަށް އެންމެދުވަހަކަށް ވެފައި ވަނިކޮށް އެ ކޮންގްރެސް ފަސްކޮށްދޭން އެދެފިއެވެ.
މާދަމާ ފަށާ އެމްޑީޕީ ކޮންގްރެސްގައި ވޯޓު ލުމުގެ ފުރުސަތު ލިބޭ އެ ޕާޓީގެ ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނަކީ ގަވައިދާ އެއްގޮތައް އިންތިހާބުވެފައިވާ ބައެއް ނޫން ކަމަށްބުނެ އެ ކޮންގްރެސް ފަސްކޮށްދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު އަލީ އާޒިމް ހުށައެޅުއްވީ މިއަދުއެވެ.
އަލީ އާޒިމް މިއަދު އެމްޑީޕީގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މިހާރު ތިބި ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ގޮފިތަކުގެ މަންދޫބުންނާއެކު ކޮންގްރެސް ބާއްވައިފި ނަމަ އެ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދަން ޖާގަލިބޭނެ ކަމަށެވެ.
” މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިޕާރޓީގެ ކޮންގރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫންކަމަށާއި އަދި ގޮފިތަކުން ކޮންގޮރެސގައި ވާދަކުރާ ފަރާތްތަކުގެ މައުލޫމާތު މިވަގުތާއި ވެސް ރިއްސާކޮށްފައިނުވތީވެ، އެފަރާތްތައް ކުރިއަށް މި އޮތް ކޮންގްރެސްގައި ބައިވެރި ވެއްޖެނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމެއްކަމަށް ދެކެމެވެ.” އާޒިމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ކޮންގްރެސް ފަސްކޮށްދޭން ވަކި މުއްދަތަކަށް އެދިފައެއްނުވެ އެވެ. ނަމަވެސް އޭނާ އެދިވަޑައިގެންފައިވަނީ ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހު ނޫނީ ކޮންގްރެސް ނުބޭއްވުމަށެވެ. އަދި މިހާރު ތިބި ގޮފިތަކުގެ ރައީސުންގެ މައުލޫމާތު އާއްމުކޮށްފައިނުވާތީ އެ މައުލޫމާތުތައް އާއްމު ކުރަންވެސް އެދިވަޑައިގެންފައިވެ އެވެ.
“ކޮންގެރެސްއަށް ގޮފިތަކުން ހުށައެޅިފައިވާ މަންދޫބުން އިންތިހާބުކުރި ގޮތާއި އެ މަންދޫބުންގެ ތަފްސީލް އެނގޭނެ ލިސްޓެއްވެސް ހިއްސާކޮށްދިނުމަށްވެސް ވެސް އެދި މި ފުުރުސަތުގައި ދެންނެވީމެވެ.” އާޒިމްގެ ސިޓީގައިވެ އެވެ.
ކޮންގްރެސްގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ކޮމެޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތާމެދު ރޭގައި ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސުވާލު އުފައްދަވާފަ އެެވެ. ރޭ އެމްޑީޕީ ހަރުގޭގައި ރައީސް ނަޝީދު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ކޮންގްރެސްގައި ރައީސުންނާއި ނައިބު ރައީސުން ވޯޓު ލުމަށް އެދިވަޑައިގެންފަ އެވެ.
