ޚަބަރު

އުތުރަށް ރީނދޫ ދެކުނަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ، ހއ. އަތޮޅުން ދ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ. އަދި ފުވައްމުލައް ސިޓީ އިން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލަރޓްތައް ނެރެފައިވަނީ ހުކުރު ދުވަހުގެ މެންދުރު 02:15ން އިރުއޮއްސި 06:15ށެވެ. އެ އިދާރާއިން ބުނީ ޔެލޯ އެލަރޓް ނެރުނީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭތީއާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާތީ ކަމަށެވެ.

ވައިޓް އެލަރޓް ނެރެފައިވާ ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫސިޓިއާއި ދެމެދު ގަޑިއަކު 19 މޭލާއި 25 މޭލަށް ވައިގަދަވާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިބާރުވާނެ ކަމަށްވެސް މެޓްއޮފީހުން ވަނީ ބުނެފައެވެ.

އަދި ކަނޑުތައް ގަދަވެ، އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިހެން ބުނެފައިވާއިރު މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހަށް ވެސް ރާއްޖޭގެ (ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ) ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ހިއްސާކޮށްފައެވެ. އެ މައުލޫމާތުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ނ. ކެނދިކުޅުދޫއަށް އުދައަރައި ރަށު ތެރޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކ. ދިއްފުއްޓަށް އުދައަރައި ވަރަށް ގިނަ ގެތަކަށް އުދައިގެ އަސަރުކޮށްފައިވާއިރު އއ. ތޮއްޑޫ، ހިމަންދޫ އަދި ރަސްދޫއަށް ވެސް އުދައިގެ އަސަރު ވަނީ ކޮށްފައެވެ.

މީގެ އިތުރުން އދ. ކުނބުރުދޫއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވާއިރު އދ. ދަނގެއްޗަށް ވެސް އުދަ އަރައި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ދިޔަވަރު ބޮޑުވި ގަޑީގައި ވ. އަތޮޅުގެ ވަރަށް ގިނަ ރަށްތަކަށް އުދައިގެ އަސަރުކޮށްފައެވެ. އެގޮތުން ވ. ރަކީދޫއަށް ވަރަށް ބޮޑަށް އުދަ އަރައި ރަށު ތެރޭގައި ވަނީ ފެންބޮޑުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close