ރަޝިއާއިން ދިން ބޮމުގެ ހަމަލާއެއްގައި ޔޫކްރެއިންގެ ޢާއްމުންގެ 60 މީހުން މަރުވެއްޖެ
ޔޫކްރެއިންގެ ލުގާންސްކް ސަރަހައްދުގައި ހުންނަ ސްކޫލަކަށް މި ހަފްތާ ބަންދުގައި ރަޝިޔާއިން ދިން ބޮމުގެ ހަމަލާގައި އާންމުންގެ 60 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.
“އިއްޔެ އެކަނިވެސް ލުގާންސްކް ސަރަހައްދުގެ ބިލޯހޮރިވްކާ ނަމަކަށް ކިޔާ ވިލެޖުގައި ރަޝިއާއިން ބޮމެއް ގޮއްވާލައި ޢާއްމު ރައްޔިތުންގެ 60 މީހުން މަރާލި. ބޮންއަޅާފައިވަނީ އެމީހުން ހިޔާވަހިކަން ހޯދަމުން ދިޔަސްކޫލަކަށް.” ޒެލެންސްކީ ވިދާޅުވި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ލުހަންސްކް ސަރަހައްދުގެ ގަވަރުނަރު ވިދާޅުވީ، ގާތްގަނޑަކަށް 90 އެއްހާ މީހުން އެ ސްކޫލްގައި ހިޔާވަހިކަން ހޯދަމުން ދިޔަ ކަމަށާއި، އޭގެ ތެރެއިން 60 އެއްހާ މީހުން އެ ހަމަލާގެ ސަބަބުން މަރުވެފައިވާ ކަމަށެވެ.
އދގެ އިސްވެރިޔާ އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނު ވިދާޅުވީ، ސްކޫލަށް ދިން ބޮމުގެ ހަމަލާގެ ސަބަބުން ސެކްރެޓަރީ ޖެނެރަލް “ވަރަށް ބޮޑަށް ދެރަވެފައިވާ” ކަމަށާއި، އާންމުންނަށް ހަމަލާ ނުދިނުމަށް ރަޝިޔާއަށް ގޮވާލައްވާ ކަމަށެވެ.
“ޔޫކްރެއިންގެ ބިލޯހޮރިވްކާގެ ސްކޫލަކަށް މެއި މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާގެ ރިޕޯޓް އާންމުކުރުމާ ގުޅިގެން ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި، އެ ހަމަލާދިން ސްކޫލުން ގިނަބަޔަކު ހިޔާވަހިކަން ހޯދަން މަސައްކަތް ކުރަމުން ދިޔަ،” ތަރުޖަމާނު ސްޓެފަން ޑުޖަރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
“ހަނގުރާމައިގެ ވަގުތުތަކުގައި އަބަދުވެސް މަދަނީންނާއި މަދަނީ އިންފްރާސްޓްރަކްޗަރތަކުން ސަލާމަތްވާން ޖެހޭކަމަށް ސެކްރެޓަރީ ޖެނެރަލް ތަކުރާރުކޮށް ވިދާޅުވަމުން އެބަގެންދަން. މި ހަނގުރާމަ ނިމުމަކަށް ގެނެސް، އދގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސުލްހަ ގާއިމް ކުރަން ޖެހޭ،” ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި އެކަން ކުށްވެރި ކުރި ނަމަވެސް، މޮސްކޯއިން ބުނަމުންދަނީ، ޔޫކްރެއިންއާ ދެކޮޅަށް އެގައުމުން ކުރަމުންދާ ހަނގުރާމައަކީ “ސްޓްރެޓީޖިކް އަސްކަރީ އޮޕަރޭޝަން” އެއް ކަމަށާއި، އާންމު ރައްޔިތުންނަށް އަމާޒު ކޮށް ހަމަލާ ނުދޭ ކަމަށެވެ.




