ބޭރުދުނިޔެ

ގައުމީ ސަލާމަތަށްޓަކައި ގްރީންލޭންޑް އޮންނަންޖެހޭނީ އެމެރިކާގެ ބާރުގެ ދަށުގައި: ޓްރަމްޕް

އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި ގްރީންލޭންޑް އޮންނަންޖެހޭނީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ އެއަރ ފޯސް ވަން މަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނީ، މިހާރުގެ ހަތިޔާރުތަކާއި، މަތިންދާ ބޯޓުފަހަރާއި، އޭގެ ބާރުމިނަށް ބަލާއިރު ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމަށެވެ.

1953 ވަނަ އަހަރުން ފެށިގެން ޑެންމާކުގެ ބާރުގެ ދަށުގައިވާ ގްރީންލޭންޑަކީ އޭގެ ސްޓްރެޓެޖިކް މަޤާމާއި މަޢުދަނީ ވަސީލަތްތަކުގެ ސަބަބުން ޓްރަމްޕްގެ ސަމާލުކަން ލިބިފައިވާ ސަރަޙައްދެކެވެ.

ޓްރަމްޕް މި ސަރަޙައްދު ހޯދުމަށް އިޤްތިޞާދީ ނުވަތަ އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ވަނީ ގުޅުން ގޯސްވެފައެވެ.

ގްރީންލޭންޑް ހޯދުން އެއީ “ބޮޑު ރިއަލް އެސްޓޭޓް ޑީލެއް” ގެ ގޮތުގައި ސިފަކޮށް ޓްރަމްޕް ބުނެފައިވަނީ އެމެރިކާގެ އިޤްތިޞާދީ ސަލާމަތަށް މިއީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. ނަމަވެސް ޑެންމާކާއި ގްރީންލޭންޑްގެ ރައްޔިތުން ޓްރަމްޕްގެ މި ވިސްނުން ވަނީ ބަލައިނުގަނެ ދެކޮޅު ހައްދަވާފައެވެ.

ގްރީންލޭންޑް ހޯދުމުގެ މައްސަލައަކީ މިހާރު ޔޫރަޕިއަން ޤައުމުތަކާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ އެކު ކުރެވޭ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. އެހެންނަމަވެސް މިނިވަން ދުނިޔެ ރައްކާތެރި ކުރުމަށްޓަކައި ގްރީންލޭންޑް ހޯދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ދެކޭކަމަށް ދަނީ ތަކުރާކޮށް ބުނަމުނެވެ.

ގްރީންލޭންޑް ގަތުމުގެ ވިސްނުމަކީ މާ ކުރިން ފެށިގެން އައި ވިސްނުމެއް ކަމަށާއި، ނަމަވެސް މިހާރު މިކަމުގެ މުހިންމުކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޓްރަމްޕް ބުނެއެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ޣައްޒާ އުތުރުން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް އިޢުލާނުކޮށްފައިވާ ޕްލޭން އާއި، ގްރީންލޭންޑް ހޯދުމުގެ ވިސްނުމާ އަޅާކިޔާފައެވެ.

ޣައްޒާ އަކީ ވެސް “ބޮޑު ރިއަލް އެސްޓޭޓް ސައިޓެއް” ގެ ގޮތުގައި ސިފަކޮށް، އެތަން ވެސް އެމެރިކާއިން ހިފަން އޭނާ ގޮވާލައިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close