ބޭރުދުނިޔެ

ކްރޯއޭޝިއާގެ ރައީސް ޒޯރަން މިލަނޯވިޗް ދެވަނަ ދައުރަށް ހުވައި ކޮށްފި

ކްރޯއޭޝިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން 74 އިންސައްތަ ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރެއްވި ޒޯރަން މިލަނޯވިޗް އެ ގައުމުގެ ރައީސްކަމުގެ ދެވަނަ ދައުރަށް މިއަދު ހުވައި ކުރައްވައިފިއެވެ.

ވެރިރަށް ޒަގްރެބްގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކުރީގެ ރައީސުންނާއި ސިފައިންގެ އިސްވެރިންނާއި އަދި ސިޔާސީ އަދި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް ކްރޯއޭޝިއާގެ ބަރުލަމާނުގެ ރައީސް ގޯރޑަން ޖަންޑްރޯކޯވިޗް އަދި ބޮޑުވަޒީރު އަންޑްރޭޖް ޕްލެންކޯވިޗް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ.
ހުވައިކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މިލަނޯވިޗް، ރައްޔިތުންގެ އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި، އިންސާފު ގާއިމުކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ގާނޫނީ އަދި އިޖްތިމާއީ އިސްލާހުތައް ގެންނަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އިގްތިސާދީ ގޮތުން ކުރިއަރަމުން ދިޔަ ނަމަވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވެ، ތައުލީމާއި ސިއްހީ ދާއިރާ އަދި އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޑިސެމްބަރު 2024 ގައި ބޭއްވުނު އިންތިޚާބުގެ ފުރަތަމަ ބުރުގައި މިލަނޯވިޗް ވަނީ 49.1 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. އެ އިންތިޚާބުގައި އެޗްޑީޒެޑް ޕާޓީގެ ކެންޑިޑޭޓް ޑްރަގަން ޕްރިމޯރަކް ހޯއްދެވީ 19.4 އިންސައްތަ ވޯޓެވެ.
ޒޯރަން މިލަނޯވިޗް އަކީ 1966 ވަނަ އަހަރު ކްރޯއޭޝިއާގެ ވެރިރަށް ޒަގްރެބްގައި އުފަންވެވަޑައިގެން، ޑިޕްލޮމެޓިކް ދާއިރާގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 2008 ވަނަ އަހަރު ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ)ގެ ލީޑަރުކަމާ ހަވާލުވެ، 2011 ވަނަ އަހަރު ޕާޓީ ވެރިކަމަށް ގެންނެވުމާއެކު ބޮޑުވަޒީރުކަން ކުރެއްވިއެވެ.

އިނގިރޭސި، ރަޝިއާ އަދި ފަރަންސޭސި ބަހުން ވާހަކަދައްކަވާ މިލަނޯވިޗް ވަނީ 2019 ގައި އަލުން ސިޔާސީ މައިދާނަށް ނުކުމެ، އެސްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައެވެ. އަދި އެމަނިކުފާނަކީ ގައުމުގެ ބޮޑުވަޒީރު އަންޑްރޭޖް ޕްލެންކޯވިޗްއާ ޚިޔާލު ތަފާތުވުންތައް ބޮޑު ބޭފުޅެއްގެ ގޮތުގައި ވެސް މަޝްހޫރު ބޭފުޅެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close