ދީން

އަޅުކަންތަކުގެ ތެރެއިން “ރޯދަ” ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަވަނީ ކީއްވެ؟

ރޯދައަކީ އެހެން އަޅުކަންތަކާއި ޚިލާފަށް އިސްލާމްދީނުގައި މަތިވެރިކަން ދެވިފައިވާ އަޅުކަމެކެވެ. ސުންނަތް ރޯދައިންވެސް ގިނަގުނަ ދަރުމައާއި ޘަވާބު ލިބިގެންދާއިރު، ކޮންމެ އަހަރެއްގައިވެސް ފަރުޟު ވެގެންވާ ރޯދަ (ރަމަޟާންމަހު) ރޯދަ ހިފުމަކީވެސް އެހާމެ ގިނަގުނަ ދަރުމައާއި ޘަވާބު ލިބިގެންދާ އަޅުކަމެކެވެ.

ރޯދައަކީ އެހެން އަޅުކަންތަކާއި ޚިލާފަށް، އެ އަޅުކަމެއް އަދާކުރުމުގައިވެސް ތަފާތު އަޅުކަމެކެވެ. އެހެނިހެން އަޅުކަންތައް އަދާކުރާއިރު، އެހެން މީސްތަކުންނަށްވެސް އެނގިގެން ދެއެވެ. މިސާލަކަށް، ފަރުޟު ނަމާދު އަދާކުރާތަން ގިނަބަޔަކަށް ފެންނާނެއެވެ. ޤުރްއާން ކިޔަވާ ހަދާއިރުވެސް ގިނަބަޔަކަށް ނުވަތަ މަދު ބަޔަކަށް ނަމަވެސް އެކަން އެނގިގެންދެއެވެ. އަދި ޙައްޖު، ޢުމުރާ ފަދަ އަޅުކަންތައް އަދާކުރާއިރުވެސް ގިނަ ބަޔަކަށް އެކަން އެނގި ހާމަވެގެންދެއެވެ. އެހެންނަމަވެސް، ރޯދަ އަށް ހުންނައިރު، އޭނާ އެހުރީ ރޯދައަށްކަން، އޭނާ އަށާއި އޭނާގެ ވެރިރައްބަށް މެނުވީ ނޭންގޭނެއެވެ. އެހެނީ، އެއީ ކެއިންބުއިމުން ދުރުހެލިވެ، އަދާކުރާ އަޅުކަމަކަށްވާތީވެއެވެ. ﷲ އަށްޓަކައި، ކެއިންބުއިމުން ދުރުހެލިވެ، މަތިވެރި ޘަވާބަށް އެދޭ ޙާލު، ގޯސްކަންކަމުންވެސް ދުރުހެލިވެ ހުންނަ ހުރުމަކަށްވާތީވެއެވެ.

އެހެންވެ، މި ގޮތުންވެސް މި އަޅުކަން ތަފާތުވެފައި އެހެން އަޅުކަންތަކާއި ޚާއްޞަވެފައިވާތީވެ، ﷲ ތަޢާލާގެ ޙަޟްރަތުގައި މި އަޅުކަން އަދިވަނީ މުޅިން ޚާއްޞަ ވެގެންގޮސްފައިކަން ނަބަވީ އިރުޝާދުން އެނގިގެންދެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

كُلُّ عَمَلِ ابْنِ آدَمَ لَهُ، إِلاَّ الصَّوْمَ فَإِنَّهُ لِي، وَأَنَا أَجْزِي بِهِ….

މާނައީ ” އާދަމްގެ ދަރިޔާ ކުރާ ކޮންމެ ހެޔޮޢަމަލެއްވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ރޯދަވަނީ ތިމަން އިލާހަށެވެ. އަދި އެއަށް ދަރުމަ ދެއްވާހުށީވެސް ތިމަން އިލާހެވެ…”

(ޞަޙީޙުލް ބުޚާރީ 5927)

ކޮންމެ އަޅުކަމަކީވެސް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް އަދާކުރެވޭ އަޅުކަމެކެވެ. އަދި ހަމަ އެހެންމެ ކޮންމެ އަޅުކަމަކަށްވެސް ދަރުމަ ދެއްވަނީ ﷲ ތަޢާލާއެވެ. އެހެން ނަމަވެސް މަތީގައި ގެނެސްދެވުނު ޙަދީޘްގައި މިފަދައިން އައިސްފައިވާތީވެ، ” ރޯދަ، ﷲ ތަޢާލާއަށް ޚާއްޞަ އަޅުކަމަކަށްވަނީ ކީއްވެގެންތޯ ” ވަރަށް ގިނަ ބަޔަކު ސުވާލު ކޮށް ހަދައެވެ. އަދި ވަރަށް ގިނަ ޢިލްމުވެރިންވެސް މިކަމާއިބެހޭގޮތުން ވާހަކަފުޅު ދައްކަވާފައި އެބަހުއްޓެވެ.

އެގޮތުން އަލްޙާފިޡް އިބްނު ޙަޖަރު (ރަޙިމަހުﷲ) މި ޙަދީޘްއާއި ބެހޭގޮތުން 10 ޢިލްމުވެރިއެއްގެ ރަޢުޔު ގެ ތެރެއިން ބައެއް މުހިއްމު ރަޢުޔުތައް ގެންނަވާފައިވެއެވެ. އޭގެތެރޭގައި:-

  1. އެހެން އަޅުކަންތައް އަދާކުރާއިރު މީސްމީހުންނަށް ފެނުނަސް ނުވަތަ އެނގުނަސް، ރޯދަ ހިފާއިރު އެހެން މީހުންނަކަށް އެކަމެއް ނޭންގެއެވެ. ޤުރުޠުބީ ވިދާޅުވެފައިވެއެވެ. ގިނަ އަޅުކަންތައް މީސްމީހުންނަށް ފެނުމުގެ ސަބަބުން އެކަންކަން އަޅުކަމުގެ ތެރެއަށް ވަދެގެންދެއެވެ. އެހެނަސް، ރޯދައަށް ހުންނަކަން ނުވަތަ ނުހުންނަކަން ﷲ ފިޔަވާ އެއްވެސް ފަރާތަކަށް ނޭންގެއެވެ. އެހެންކަމުން، ﷲ ތަޢާލާ އެކަންތައް އެ އިލާހަށް ޚާއްޞަކުރައްވާ ގުޅުވާލައްވަނީއެވެ. ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. ” އޭނާ ތިމަން އިލާހަށްޓަކައި ނަފްސުގެ އެދުންތަކާއި ދުރުހެލިވެ ހުންނަނީ އެވެ. ”  އިބްނު އަލް ޖައުޒީ ވިދާޅުވެފައިވެއެވެ. ” ހުރިހާ އަޅުކަމެއްވެސް އަދާކުރާއިރު މީސްތަކުންނަށް އެކަން ކޮންމެވެސް ގޮތަކުން އެނގިގެންދެއެވެ. އެހެނަސް ރޯދަ ފިޔަވައެވެ.”
  2. 2.     “…ރޯދަވަނީ ތިމަން އިލާހަށެވެ. އަދި އެއަށް ދަރުމަ ދެއްވާހުށީވެސް ތިމަން އިލާހެވެ…” މިބަސްފުޅުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައި އެވަނީ، އޭނާ ހިފި ރޯދައަށް ލިބިގެންދާނެ ޘަވާބުގެ އެންމެ ގިނަ މިންވަރަކީ ކޮބައިކަން އެނގިގެންވުމަކީ ތިމަން އިލާހަށް ޚާއްޞަވެގެންވާ ކަމެއްކަމަށެވެ. އަދި އެ އަޅުކަން ގުނަ ކުރެވިގެންދާނީ ކިތައް ހެޔޮކަންކަމާއިވެސް މެއެވެ. އަލް ޤުރުޠުބީ ވިދާޅުވެފައިވެއެވެ. އޭގެ މާނައަކީ ގިނަ ހެޔޮކަންތައްތަކުގެ ދަރުމަ މީސްތަކުންނަށް ބަޔާންވެފައިވާތީވެ އެނގިގެންވުމެވެ. އަދި ކޮންމެ ހެޔޮކަމަކަށް ދިހަ ގުނަ އާއި ހަތްސަތޭކަ ގުނަ އާއި ދެމެދު އަދި ﷲ ތަޢާލާ އެދިވޮޑިގަންނަވައިފިނަމަ އެއަށްވުރެވެސް އިތުރު ކުރައްވާކަމެވެ. އެހެނަސް ރޯދަ ފިޔަވައެވެ. ރޯދައަށް ދަރުމައާއި ޘަވާބު ދެއްވަނީ ވަކި މިނެއް ނެތިއެވެ. މިކަމަށް ބާރުލިބިގެންދާ ޙަދީޘެއް ބަޔާންވެގެން އައިސްފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“‏ كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ لَهُ الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ ‏.‏ قَالَ اللَّهُ سُبْحَانَهُ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ ‏”

މާނައީ ” އާދަމްގެ ދަރިޔާ ކުރާ ކޮންމެ ހެޔޮޢަމަލަކަށްވެސް ދިހަ ގުނައިން ފެށިގެންގޮސް ހަތްސަތޭކަ ގުނައާއި ހަމައަށް ދަރުމަ ދެއްވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައެވެ. ރޯދަވަނީ ތިމަން އިލާހަށެވެ. އަދި އެއަށް ދަރުމަ ދެއްވާހުށީވެސް ތިމަން އިލާހެވެ.”

(ސުނަނު އިބްނު މާޖާ 3823)

މީގެ މާނައަކީ ރޯދައަށް ދަރުމަ ދެއްވުމުގައި ވަކި މިނެތް ބަޔާންވެގެން އައިސްފައި ނެތްކަމެވެ. މީސްތަކުންނަށް އެކަން ނޭންގޭ ކަމެވެ. އަދި އެއީ ދިހަ ގުނަ އާއި ހަތްސަތޭކަ ގުނައާއި ދެމެދުގެ ޢަދަދެއްވެސް ނޫންކަމެވެ. އެނގިގެންދަނީ އޭގައި ވަކި މިނެތް ނެތްކަމެވެ. ތިރީގައިމިވާ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ‎﴿١٠﴾‏  ( ސޫރަތުއް ޒުމަރު)

މާނައީ ” ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. “

  • “…ރޯދަވަނީ ތިމަން އިލާހަށެވެ…” މީގެން ދޭހަވެގެންދަނީ ރޯދައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ވަރަށްވެސް ޚާއްޞަ އަޅުކަމެއްކަމެވެ. އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “…ރޯދަވަނީ ތިމަން އިލާހަށެވެ…” މިކަމުން ދޭހަވެގެންދަނީ ރޯދައަކީ އެހެން ހުރިހާ އަޅުކަމަކަށްވުރެވެސް މަތިވެރި އަދި ޚާއްޞަ އަޅުކަމެއްކަމެވެ. އަބޫ އުމާމާ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” ތިބާ ރޯދަ ހިފާށެވެ. އެއާއި އެއްފަދަ އެހެން އަޅުކަމެއް ނުވެއެވެ.” (އައްނަސާއީ 2220) މި ޙަދީޘަކީ ޞައްޙަ ޙަދީޘެއްކަމަށް ޝައިޚް އަލްބާނީ (ރަޙިމަހުﷲ) އެކަލޭގެފާނުގެ ޞަޙީޙް އައްނަސާއީގައި ކަނޑައަޅުއްވާފައިވެއެވެ.
  • 4.     “…ރޯދަވަނީ ތިމަން އިލާހަށެވެ…” މިގޮތަށް ފާހަގަކުރައްވާފައި އެވަނީ އެ އަޅުކަމުގެ ޚާއްޞަކަން ބަޔާންކުރެއްވުމުގެ ގޮތުންނާއި އެ އަޅުކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްވާފައިވާ މަތިވެރިކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. އަޅުގަނޑުމެން ” ﷲ ގެ ގެކޮޅު ” ބުނާ ފަދައިންނެވެ. އަލްޒައިން އިބްނު މުނީރު ވިދާޅުވެފައިވެއެވެ. “ވަކި ކަމަކަށް ރިޢާޔަތްކޮށް ޚާއްޞަ ބަސްފުޅެއް އައިސްފައި އޮތުމުން އެކަމުގެ މަތިވެރިކަމާއި ހައިބަތު ހާމަވެގެންދެއެވެ.”

ޝައިޚް އިބްނު އުޘައިމީން (ރަޙިމަހުﷲ) މަތީގައި ބަޔާންވެދިޔަ ޙަދީޘްއާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ.

  • އެހެން ހުރިހާ އަޅުކަމަކުންވެސް ރޯދަ އެއިލާހަށް ޚާއްޞަ ކުރެއްވި ސަބަބަކީ ﷲ ތަޢާލާ އެ އަޅުކަން ދެކެ ލޯބިވެވޮޑިގަންނަވާތީވެއެވެ. އަދި އެއީ އޭނާ އާއި އޭނާގެ ރައްބާއި ދެމެދުގައިވާ ސިއްރަކަށްވެފައި އެއަޅުކަމުގެ ޙަޤީޤަތް ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތަކަށް ނޭންގޭތީވެއެވެ. ރޯދައަށް ހުންނަ މީހާ، އެހެން މީހުންނަށް ނުފެންނަ ތަނެއްގައި ރޯދައަށް ހުންނަ މީހަކު ކުރުން ޙަރާމްކަންތައްތައް (މިސާލަކަށް ކައިބޮއިހެދުން) ކަހަލަ ކަންކަން ކުރެވެން އޮންނައިރުވެސް އޭނާ އެފަދަ ކަންކަން ނުކުރަނީ އެއީ ﷲ ތަޢާލާ ބައްލަވާވޮޑިގެންވާކަން ދަންނާތީވެއެވެ. އެހެންކަމުން އޭނާގެ އެ އަޅުކަން ﷲ އަށްއެކަނި ޚާލިޞްވެގެންދަނީއެވެ. އަދި އެކަމުން ދޭހަވެގެންދަނީ އޭނާ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވާކަމެވެ. އެހެންކަމުން، ﷲ ތަޢާލާ އޭނާގެ އިޚްލާޞްތެރިކަމަށް ލޯބިވެވޮޑިގެންވާޙާލު، ރޯދައަކީ އެހެން ހުރިހާ އަޅުކަމަކަށްވުރެވެސް އެކަލާނގެއަށް ޚާއްޞަ އަޅުކަމެއްކަމުގައި ލެއްވީއެވެ. ” އޭނާ ތިމަން އިލާހަށްޓަކައި ނަފްސުގެ އެދުންތަކާއި ދުރުހެލިވެ އަދި ކެއިން ބުއިމާއި ދުރުހެލިވެ ހުންނަނީއެވެ. ” މިބަސްފުޅުގައިވާ ފަދައިންނެވެ.

ރޯދަ އެއިލާހަށް ޚާއްޞަ އަޅުކަމެއްގޮތުގައި ލެއްވި ސަބަބު ޤިޔާމަތްދުވަހުން އެނގިގެންދާނެއެވެ. ސުފްޔާން އިބްނު އުޔޭނާ ވިދާޅުވެފައިވެއެވެ. ” ހިސާބު ބެއްލެވޭ ދުވަހު، ﷲ ތަޢާލާގެ އަޅުންގެ ތެރެއިން، ރޯދަ ފިޔަވާ އިތުރު ހެޔޮކަމެއް ނުވާ އަޅާ، އޭނާ ހިފި ރޯދައިގެ މާތްކަމުގެ ސަބަބުން އެ އަޅާ ސުވަރުގެ ވައްދަވައެވެ.”

  • ރޯދަ އާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  “…. އަދި އެއަށް ދަރުމަ ދެއްވާހުށީވެސް ތިމަން އިލާހެވެ.” ﷲ ތަޢާލާ ރޯދައިގެ ޘަވާބު ނުވަތަ ދަރުމަ ދެއްވުމަށް އެ އިލާހު ތަޢާލާގެ ޒާތުފުޅަށް ޚާއްސަ ކުރެއްވި ސަބަބަކީ، އެހެނިހެން ހެޔޮ ޢަމަލުތަކުގެ ދަރުމައިގެ ވާހަކަ ވަކި ޢަދަދަކުން ބަޔާންވެގެން ވުމެވެ. އަދި އެއީ ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައާއި ހަމައަށްކަންވެސް ބަޔާންކުރައްވާފައިވުމެވެ. އެހެންނަމަވެސް، ރޯދައިގެ ދަރުމައިގެ ވާހަކަ ނުވަތަ ޘަވާބުގެ ވާހަކަ އެ އިލާހު ތަޢާލާ، އެ އިލާހުތަޢާލާއަށް ޚާއްޞަކުރައްވާފައިވަނީ އެއްވެސް ޢަދަދެއް (މިނެއް) ބަޔާންކުރެއްވުމެއް ނެތިއެވެ. ﷲ ތަޢާލާއެއީ އެންމެ ދީލަތިވެވޮޑިގެންވާ އިލާހެވެ. އެހެންކަމުން ރޯދަވެރިޔާއަށް އޭނާގެ ރޯދައިގެ ދަރުމަ އެއްވެސް ޢަދަދެއް ބަޔާންނުކުރައްވާ ދެއްވަނީއެވެ. ރޯދަ ހިފުމަކީ ﷲ އަށްޓަކައި ވެވޭ ކެތްތެރިކަމެކެވެ. އަދި އެ ކެތްތެރިކަން ﷲ ތަޢާލާ ޙަރާމްކުރެއްވި އެތައްކަމަކުން މީހާ ދުރުހެލިކޮށްދެއެވެ. ކެތްތެރިވާ މީހުންގެ އަޖުރު ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ‎﴿١٠﴾‏  ( ސޫރަތުއް ޒުމަރު)

މާނައީ ” ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. “

މަޞްދަރު: އިސްލާމް.ކިއު.އޭ

މަޞްދަރު: ސުންނަތް.ކޮމް އަދި ތަންޒީލް.ނެޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close