ދުޢާއުލް އިސްތިފްތާޙު
❞ އަލްއިސްތިފްތާޙު ގެ ދުޢާ (ނަމާދު ފަށާ ދުޢާ) އަކަށް ވާރިދުވެފައިވާ ޙަދީޘް ތަކުން އެންމެ ޞައްޙަކަން ބޮޑީ، އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ގެ ޙަދީޘް: «اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ…»⁽¹⁾ އެވެ.
މާނަ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިރު އަރާ ފަރާތާއި، އިރު އޮއްސޭ ފަރާތާ ދެމެދު އިބަﷲ ދުރު ކުރެއްވިފަދައިން މިއަޅާއާއި މިއަޅާގެ ކުށްފާފަތަކާ ދެމެދު ދުރުކޮށްދެއްވާދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހުދު ފޭރާން ހަޑިމިލައިން ސާފުކުރެވޭ ފަދައިން މިއަޅާގެ ކުށްފާފަތަކުން މިއަޅާ ސާފުކޮށްދެއްވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ސުނޯއާއި ފެނާއި ގަނޑުފެނުން މިއަޅާގެ ކުށްފާފަތައް ދޮވެދެއްވާނދޭވެ!”
އެއާއި ވިދިގެން ވަނީ ޢަލީ رَضِيَ اللَّهُ عَنْهُ ގެ ޙަދީޘް «وجَّهت وجهِيَ للَّذي فطر السماوات والأرض حنيفًا…»⁽²⁾ އެވެ. ❝
❞ (ޘާބިތު ދުޢާ ތަކުގެ ތެރެއިން) އަލްއިސްތިފްތާޙު ގެ ދުޢާ އަކަށް އެންމެ ބަލިކަށީ «سُبْحَانك اللَّهم وبحَمْدِك وتبارك اسْمُك، وتعالى جَدُّك، ولا إله غَيْرك» އެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު )
[1] (اللَّهُمَّ بَاعِدْ بَيْنِي…) މިދުޢާގެ ފުރިހަމަ ލަފުޟު އަދި ދިވެހި ތަރުޖަމާއަށް (ބައްލަވާ )
[2] (وجَّهت وجهِيَ…) މިދުޢާގެ ފުރިހަމަ ލަފުޟު އަދި ދިވެހި ތަރުޖަމާއަށް (ބައްލަވާ )
ފައިދާއެއް: (وجَّهت…) މިދުޢާ ކިޔުއްވާފައިވަނީ ދަމުނަމާދުގައި ކަމަށް އަލްބައްޒާރު މިޚަބަރު ރިވާކުރެއްވި އިރު ވިދާޅުވިއެވެ. އަދި މީސްތަކުން ދަމުނަމާދުގައި މިދުޢާ ކިޔައިއުޅުނު ކަމުގައެވެ. އަދި އަޙުމަދު ބުނު ޙަންބަލް މިގޮތަށް މިކަން ކަނޑައެޅުއްވިއެވެ. އަދި އަބޫ ދާވޫދު އެކަލޭގެފާނުގެ “ސުނަން” ގައި އަދި އައްތިރުމިޛީ ވެސް، މިޚަބަރު ރިވާކުރެއްވި އިރު “ފަރުޟު ނަމާދުގަ” އޭ، އޮތް އޮތުން ޘާބިތު ނޫން ކަމަށް އައްޠަރީފީ ކަނޑައަޅުއްވައި ދެން ވިދާޅުވިއެވެ: ”އަދި އެހެނަސް ދާއިމީ ނޫން ގޮތެއްގައި މިދުޢާ ފަރުޟު ނަމާދު ތަކުގައި ބޭނުން ކުރުން، އެކަމުގެ އިޚްތިޔާރު ފުޅާވެގެން ވެއެވެ.“ (ނަމާދުފޮތް ޞ. 85) އަދި ދުޢާއުލް އިފްތިތާޙުގައި އެންމެ މާތްކަން ބޮޑު ދުޢާ އަކީ މިއެވެ. އަލްޢަލްވާން ވިދާޅުވިއެވެ. އެއީ “އޭގައި މާތްރަސްކަލާނގެ މަތިވެރިކުޅައުމާއި ދުޢާ ޖަމަޢުވެފައި ވުމުންނެވެ.“


