ދީން

“މާހެފުން” ބޭއްވުން، މީ ކުރުން ރަނގަޅު ކަމެއްތަ؟

“މާހެފުން” ބޭއްވުން، މީ ކުރުން ރަނގަޅު ކަމެއްތަ؟

ސުވާލު:

ރަމަޟާންމަސް އަންނާތީ، ފާހަގަކުރުން އަހަރެމެންނަށް ހުއްދަވާނެހެއްޔެވެ؟ މިބުނީ ކެއުމަށާއި ބުއިމަށް މީހުންނަށް ދަޢުވަތު ދިނުމަށް (ޕާރޓީއެއް) ބޭއްވުމެވެ. އެއީ އެނގިގެންވާ ގޮތުގައި އެކަމަށް ޙަރާމްކަންކަން އެކަމުގައި ނެތުމެވެ. ހަމައެކަނި ކެއުމާއި ބުއިމެވެ. އަދި އެކަން ނެގިފައިވަނީ ކުރީގެ ޤަދީމީ އާދަތަކުންނެވެ؟

ޖަވާބު:

ރަމަޟާންމަސް އަންނާތީ ފާހަގަކުރުން އާދައެއްގެ ގޮތުންނާއި އަދި މަޝްޙޫރު ގޮތުގައިވެސް ސަލަފުން ޞާލިޙުން ކުރާކަމަށް އެނގިފައެއް ނެތެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އަދި އެކަލޭގެފާނުގެ ދީލަތިވެގެންވާ ޞަޙާބީންގެ ފަރާތުންވެސް ސާބިތުވެގެން ނުވެއެވެ. އަދި އޭގެފަހުން އައި ސަލަފުއްޞާލިޙުންގެ ކިބައިންވެސް ރޯދަމަސް އަންނާތީ ދަޢުވަތު ދީގެން ކެއުމާއި އަދި އެނޫން ކަންކަން ކުރާ ކަމަށް ސާބިތުވެގެން ނުވެއެވެ. އަދި އެއަށްފަހު މިކަން ފެތޭހުށީ ކުރިން ބަޔާންވި ފަތުބާ ނަމްބަރު 631 ގައިވާ ބިދުޢައިގެ ޤަވާޢިދުތަކުގެ ތެރެއަށެވެ.

އަދި މިކަން ކުރީގެ ޤަދީމީ އާދައަކަށްވުމުން މިކަން ކުރުން މަޝްރޫޢުވެގެން ނުވެއެވެ. އަދި ހުރިހާ ހެޔޮކަމެއްވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިދާޔަތަށް ތަބާވުމުންނެވެ. އަދި ނުބައިކަންކަން އަދި ހުރިހާ ނުބައިކަމެއް ވަނީ ދީނުގައި ބިދުޢަ އުފެއްދުމުންނެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيْهِ فَهُوَ رَدٌّ (ޞަޙީޙުލް ބުޚާރީ 2697)

މާނައީ ” މިދީނުގައި އެދީނުގައި ނުހިމެނޭ އާ ކަމެއް ގެނެސްފިނަމަ އެކަމެއް ވަނީ ރައްދުވެގެންނެވެ.”

އަދި އެއާއިއެކު އަދި ހަމަކަށަވަރުން މުސްލިމުންގެ މައްޗަށް މުނާސަބުވެގެންވަނީ ހެޔޮކަމުގެ މަގުތަކުގައި ހޭދަކުރުމެވެ. ޚާއްޞަކޮށް ރޯދަމަހުގައެވެ. އެއީ ރޯދަވެރިން ރޯދަވީއްލުން ދިނުމާއި އަދި ބޭނުން ޖެހިފައިވާ މީހުންނަށް ޞަދަޤާތްކުރުމާއި އަދި ދީލަތިކަމާއި ހެޔޮފޯރުކޮށްދިނުން ފަދަ ސިފަތަކުން ޒީނަތްތެރިވުމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަމޫނާއަށް ތަބާވުމުގެ ގޮތުންނެވެ….. والله أعلم

ރިފަރެންސް: އިސްލާމްވެބްގެ ފަތުވާ ލިންކް:  www.islamweb.net/ar/fatwa/68066

މިކަމާއިގުޅޭގޮތުން އިބްނު ރަޖަބު ރަޙިމަހުﷲގެ ބަސްފުޅު ތިރީގައި ހިމަނާލާނަމެވެ.

އިމާމު އިބްނު ޤައްޔިމު އަލްޖައުޒިއްޔާ ރަޙިމަހުﷲގެ އިސްދަރިވަރު އިމާމު އަދި ޙަދީޘް ޢިލްމުވެރިޔާ އިބްނު ރަޖަބު ރަޙިމަހުﷲ އެކި މޫސުންތަކުގެ ހެޔޮކަންތައްތަކާއި ގުޅޭ މައްސަލަތައް ޖަމާކުރައްވާފައިވާ ފޮތްކަމުގައިވާ ލަޠާއިފުލް މަޢާރިފުގައި ބަޔާންކުރައްވާފައިވެއެވެ.

މާނައީ” އަދި ބައެއް ފަހަރަށް ބައެއް ޖާހިލުން ރޯދަމަސް ކުރިން ކެއުމެއް ބޭއްވުމަކީ ކާލުން ޣަނީމާކޮށްލުން (ވަރަށް ގިނައިން ކާލުން ނުވަތަ މާހެފުން) ކަމަށް ހީކުރެއެވެ. އަދި އޭގެ މުރާދަކީ ރޯދަކުރީގެ ނަފުސުގެ (ކެއުމުގެ) ޝަހުވަތު ލިބިގަތުމަށެވެ. އެއީ ރޯދައިން އެކަން މަނާވުމުގެ ކުރިންނެވެ. އެހެންކަމުން އެބައިމީހުން ބުނެއެވެ. މިދުވަސްތަކަކީ ކެއުމަށް އަލްވަދާޢުކިޔާ ދުވަސްތަކެވެ. އަދި ޒިކުރުވެގެންވެއެވެ. އޭގެ އަޞްލު ނެގިގެން އައިސްފައިވަނީ ނަޞާރާއިންގެ ކިބައިންނެވެ. އެބައިމީހުން އެކަން އެބައިމީހުންގެ ރޯދަ ކައިރިވުމުން ކޮށްއުޅެއެވެ. އަދި މިހެންހީކޮށް އުޅޭމީހުންގެ ކިބައިންވާ ގޯހެކެވެ. އަދި ޖާހިލުކަމެކެވެ.” (ލަޠާއިފުލް މަޢާރިފު: 1/145)

ދެންވެސް މީސްތަކުން ބުނެއެވެ. ތިމަންނަމެން މިކަން މިކުރަނީ ޘަޤާފީގޮތުންނެވެ. ނުވަތަ ކާބަފައިން ކޮށްއުޅު ކަމަކަށްވާތީވެއެވެ. ޘަޤާފީ ގޮތުންވިޔަސް ނުވަތަ ކާބައިންކޮށްއުޅުނު ބައެއްކަންކަންވެސް ދީނާއި ފުށުއަރާކަމުގައިވާތީވެ އެކަންކަން މަނާ ކުރެވިގެން ދިޔައެވެ.

ޘަޤާފީގޮތުން ކުރަމުން އައިކަމެއް މަނާކުރެއްވި ޙާދިސާ:

ރަސޫލުﷲ صلى الله عليه وسلم މަދީނާއަށް ވަޑައިގެންނެވި އިރު އެތަނުގެ އަހުލުވެރިން ކުޅިވަރުކުޅޭ ދެދުވަހެއް ވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ: “މީ ކޮން ދެދުވަހެއް ހެއްޔެވެ” އެބައިމީހުން ދެންނެވިއެވެ. މިއީ ތިމަންމެން ޖާހިލިއްޔަ ޒަމާނުގައި އެދެދުވަހެއްގައި ކުޅިވަރުކުޅޭ ދެދުވަހެވެ. ދެން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް އެޔަށްވުރެ ހެޔޮވެގެންވާ ދެދުވަސް ކަމުގައިވާ ފިޠުރު ޢީދު ދުވަހާއި އަދި އަޟްޙާ ޢީދު ދުވަސް އެދެ ދުވަހުގެ ބަދަލުގައި ބަދަލުކޮށްދެއްވައިފިއެވެ.”

މާނައަކީ މިދެދުވަސް ފިޔަވައި އެއްވެ ފާހަގަކުރެވޭ ކައިބޮއި ހަދާ ދުވަސްތަކަކީ ބާޠިލު ބިދުޢައިގެ ޢީދުތަކެވެ. މިއީ މިޒަމާނުގައި ވަރަށް ޢާންމުވެފައިވާ ކަމެކެވެ.

قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ: «مَا هَذَانِ الْيَوْمَانِ قَالُوا: كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ»

(صحيح): أبو داود 1134،النسائى 1556، حمد 12416، مشكاة المصابيح 1439.

ދީނުގެ ޝަރުޢީ ޙުކުމްތަކާއި ޝަރުޢުގައި ކަނޑައަޅާފައިވާ ދުވަސްތަކާއި އެދުވަސްތަކާއި ގުޅިންގެން ކުރާ ކަންކަމަކީ ކާބަފައިންގެ ފަރާތުން ޙުކުމް ނަގަން ޖެހޭ ކަމެއް ނޫނެވެ. އަދި އާދަކާދައަކީ ދަލީލެއްވެސް ނޫނެވެ.

ކާބަފައިންގެ ގޮތާއި، އިހުގެ އާދަކާދައަކީ ދަލީލެއްނޫންކަން ޤުރުއާނުގެ އެތައް އާޔަތެއް ހެކިދެއެވެ.

وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًٔا وَلَا يَهْتَدُونَ ‎

މާނައީ ” އަދި اللَّه ބާވާލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ އެއުރެން ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ، އެއުރެންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސް ހެއްޔެވެ؟

سورة المائدة 104

އަދި ކާބަފައިންގެ އާދަކާދަ ދަލީލަކަށް ބަލައިގެންފިނަމަ އެތައް އެތައް ނުބައެއް ފާޅުވެގެންދެއެވެ.

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކާފަރުންނާއި ޚިލާފުވުމަށް އަމުރު ކުރައްވާފައެވެ. އެގޮތުން ފިތުރީގޮތުން ފިރިހެނުންގެ މޫނުގައި ހުންނަ އިސްތަށީގެ ތެރެއިން، މަތިމަސްތައް ކުރުކޮށް ތުނބުޅި ދިގު ކުރުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ.

އާޝޫރާ ދުވަހުގެ ރޯދަ ޔަހޫދީންވެސް ހިފާތީ، އެބައިމީހުންނާއި ޚިލާފުވުމަށް އެދުވަހުގެ ކުރިން ނުވަތަ ފަހުން ދުވަހަކު ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ.

މިހެން މިކަން އޮއްވައި ، ނަޞާރާއިންގެ އާދަކާދައިގެ ތެރެއިން އުފެދުނު މާހެފުން މުސްލިމުންގެ އާދަކާދަ ކަމަށް ހަދައި ހުއްދަކުރުން ކޮންފަދަވާނެ ތޯއެވެ  ؟

އަދި ނަޞާރާއިންގެ އާދަކަމުގައި ނުވިޔަސް، ރޯދައިގެ އަޅުކަމަށް ނިސްބަތްކޮށް އެކަން ކުރުން ހުއްދަވާނެތޯއެވެ… ؟

އަހަރެމެންނަށް ދަލީލަކަށް ވާންޖެހޭނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ސަޙާބީންނާއި ތާބިޢީން ނޫހެއްޔެވޭ.. ؟

وَٱلسَّٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّٰتٍ تَجْرِى تَحْتَهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًاۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

مهاجر ންނާއި، أنصار ންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ تبع ވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.

سورة التوبة : 100

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close