ޚަބަރު

ދުނިޔެލާމެހި ބަވަނަ ވުމަކީ ޤައުމުތަކުގެ ގުޅުންތަކާއި އިޤްތިސޯދީ އޮއިވަރުން އުފެދިފާއިވާ ބާރެއް: ރައީސް ސޯލިޙް

ދުނިޔެލާމެހި ބަވަނަ ވުމަކީ ޤައުމުތަކުގެ ގުޅުންތަކާއި އިޤްތިސޯދީ އޮއިވަރުން އުފެދިފާއިވާ ބާރެއްކަމަށާއި، އެއީ މިއަދު ހުއްޓުވޭނެ އަދި މަޑުކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ އަޅުގަނޑުމެން ކުރަންވީ ކަމަކީ ހަވާސާނުވެ، މިކަމުން ލިބެންއޮތް ރަނގަޅަކާ ފައިދާއެއް ލިބިގަތުންކަމުގައެވެ.  

އަދި ގްލޯބަލައިޒޭޝަނަކީ ނެތް އެއްޗެއް ކަމަށް ވިސްނާއިގެން މިއަދަކު ނުވާނެ. އިންޑިއާ ކަނޑަކީ ސުލްޙަވެރި އަމާން ތަނަކަށް ހެދުމަށް ޒަމާނުންސުރެ ރާއްޖެއިން އަދާކުރާ ދައުރު އަވަށްޓެރި ޤައުމުތަކާއެކު އަދާ ކުރާނެކަމުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން ދަމަހައްޓަމުން އަންނަ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެން ވަނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ އިސްތިޤުލާލު ރައްކާތެރިކުރުމުގެ އިތުރުން، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި އަދި ޑިމޮކްރެސީގެ ހަމަތަކާ އުޞޫލުތައް ނަގަހައްޓައި، މޫސުމަށް އަންނަ ބަދަލުތަކުން ޤައުމު ރައްކާތެރިކުރުމުގެ މައްޗަށް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގާ ލިބެމުންދާ އެންމެހާ އެހީތެރިކަމަށްޓަކާ އިންޑިއާ، ޗައިނާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ސައުދީ ޢަރަބިއްޔާ، ޕާކިސްތާން، ކުވެއިތް، ސްރީލަންކާ، އީ.ޔޫ އަދި އެހެނިހެން ދެދޭ ހުރިހާ ޤައުމުތަކަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި އެމަނިކުފާނާ މަތިވެފައިވާ އެންމެ އިސް ވާޖިބަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި އަމާން، ޞުލްޙަވެރި މާޙައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުންކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިންނާއި ދިވެހި ފުލުހުންގެ ފުރާނައަށް ވުރެވެސް އިސްކަންދެނީ މިކަން ކަށަވަރު ކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކުވެރި ދައުލަތްތަކުން ތަފާތު އެކި ތަމްރީންތައް ހޯދުމަށް، ދިވެހި ސިފައިންނަށް ދިން ފުރުޞަތުތަކުގައި އެޤައުމުތަކުގައި ދިވެހި ސިފައިން މިހާރުވެސް ތަމްރީންތައް ފުރިހަމަކުރަމުން އަންނަކަން ފާހަގަކުރައްވައި ޑޯނިއާ މަތިންދާ ބޯޓާ ހެލިކޮޕްޓަރާ ކޯސްޓްގާޑްގެ އުޅަނދުފަހަރާ ސީއެމްބިއުލާންސް ގެ ޒަރީޢާ އިން ދިވެހި ސިފައިން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގެ ބައެއް ތަފާސް ހިސާބުތައް ވެސް ހިއްސާކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕްލޭން މިހާރު ތަންފީޒްކުރަމުން އަންނަކަމުގައެވެ. އަދި މުޖްތަމަޢުގެ އަމާންކަން ދެމެހެއްޓުމުގައި ފުލުހުންގެ ދައުރު އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީ އަދި ހުވަދު އަތޮޅާއި އަރިއަތޮޅުގައި މިހާރު ނެއިބަރހުޑް ޕޮލިސިންގ ރަސްމީކޮށް ފަށާފައިވާކަމަށާއި މިއަހަރުގެ ތެރޭގައި ކ. އަތޮޅާއި ތ. އަތޮޅުގައި މި މޮޑެލް ރަސްމީކޮށް ފަށާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން މިހާރު ފަށާފައިވާ ޒަމާނީ ޕޮލިސިން ފަލްސަފާގެ ދަށުން، ބޮޑީ ކެމެރާ، ފީލްޑްގައި މަސައްކަތްކުރާ ފުލުހުން މިމަހުގެ ތެރޭގައި، ބޭނުންކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާ، ކަސްޓަމްސް އާ ކަމާގުޅޭ މުއައްސަސާ ތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރުކަން ފާހަގަކުރައްވައި އޭގެ ބައެއް ތަފްޞީލުތަކަށް ވެސް އަލިއަޅުވާލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close