މިސައިލް ހަމަލާދޭ ހޫތީންގެ ސްޓޭޝަނެއް ޔޫއޭއީ ސިފައިން ހަލާކު ކޮށްލައިފި
އީރާނުން ވާގިވެރިވާ ހޫތީ ހަނގުރާމަވެރިން އަބޫދާބީއާ އަމާޒުކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ފޮނުވާލި ދެ މިސައިލް ބްލޮކްކޮށްފައިވާ ކަމަށާއި، މިސައިލް ލޯންޗް ކުރި ސައިޓް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސިފައިން ހަލާކުކޮށްލާފައިވާ ކަމަށް ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ މަތިން ދެ މިސައިލް ބްލޮކް ކޮށްފައިވާ އިރު، އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ދިފާއީ ވުޒާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އީރާނުން ވާގިވެރިވާ ހޫތީން އަބޫދާބީއަށް ދެ ޑްރޯން ބޭނުންކޮށްގެން އަމާޒުކޮށް ދިން މި ހަމަލާގައި ތިން މީހަކު މަރުވިތާ ހަފްތާއެއް ފަހުން ހޫތީންވަނީ އަލުން ހަމަލާ ދޭން މަސައްކަތް ކޮށްފަ އެވެ.
ހޫތިންގެ މި ހަމަލާގައި ޕާކިސްތާނުގެ މީހަކާއި އިންޑިއާގެ ދެ މީހަކު މަރުވެފައިވާއިރު، އިތުރު ހަ މީހަކު ޒަހަމްވެފައިވާ ކަމަށް ވެމް އާއި އެޑްނޮކް އިން ބުންޏެވެ.
ޔޫއޭއީން ތުހުމަތު ކުރާގޮތުގައި ޔޫއޭއީގެ ކާގޯ ޝިޕެއް ކަމަށްވާ “ރިވާބީ” ހައިޖެކްކުރީ ހޫތީ ސިފައިން ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ޔަމަނުގެ ސޮކޮޓްރާ އައިލެންޑުން ފުރައިގެން ސައުދީ އަރަބިއްޔާގެ ޖަޒާން ބަނދަރަށް ދަތުރުކުރަމުން ދަނިކޮށް، އެ ބޯޓު ދަތުރުކުރަމުން ދިޔައީ އެ ރަށުގައި ހުންނަ ފީލްޑް ހޮސްޕިޓަލެއްގައި ބޭނުން ކުރާ ސައުދީ ކުންފުންޏަކުން ކުއްޔަށް ހިފާފައިވާ ސާމާނުތަކެއް ހިފައިގެން ކަމަށް އަރަބި ކޯލިޝަނުން ބުނެ އެވެ.
ހޫތީން ތުހުމަތު ކުރާ ގޮތުގައި އެ ބޯޓަކީ އަސްކަރީ އާލާތްތައް ހިފައިގެން ދަތުރުކުރި ބޯޓަކަށް ވަނީ ވެފައި އެވެ.
ބޯޓުގައި ތިބީ އިންޑިއާގެ ހަތް ސެއިލަރުންނާއި އިތިއޯޕިއާ އާއި އިންޑޮނޭޝިއާ ގެ އިތުރުން ފިލިޕީންސްގެ މީހަކާއި މިޔަންމާގެ ސެއިލަރެކެވެ.




