ޚަބަރު

ތަރައްގީގެ ވާހަކަ ދައްކަން ފަށަންވާނީ ވެސް ގައިންތާހިރުވެ ތިބެ ކަމަށް ބުނީ އަޅުގަނޑު: ރައީސް

ތަރައްގީގެ ވާހަކަ ދައްކަން ފަށަންވާނީ ވެސް ގައިންތާހިރުވެ ތިބެ ކަމަށާއި، މިހިނގާ ރިޔާސީ ދައުރަކީ، ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން އައި އެންމެ ސާފުތާހިރު 5 އަހަރު ކަމުގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން މިހާރު މިމަސައްކަތް ނުފެށިވާ 16 ރަށެއްގެ ނަރުދަމާ އާއި 23 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޅުގަނޑުމެންގެ ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ އަޅާނެ ކަމުގެ ވަޢުދުވީ ވެސް ހަމަ އަޅުގަނޑު. ސާފުތާހިރު ކަމަކީ އީމާން ކަމުގެ އެއްބައިކަމުގައި ބުނާ ދުރޫސުލް އަޚްލާގްގެ ފިލާވަޅު އަދިވެސް އަޅުގަނޑުގެ ހަނދާނުގައި ހުރޭ. އެއީ އޭގެ ޒާތުގައި މައުނަވީ ވާޖިބެއް. ނުވާނެކަމުގެ ފާޑުކިއުމާ، އަދި އިތުރަށް ވިސްނާލުމުގެ ނަޞޭޙަތާ މަޝްވަރާ އެތައް ގޮތަކުން އަޅުގަނޑަށް ލިބުނު. އެހެން ނަމަވެސް ވާޖިބަކަށް ވަޢުދުނުވެ ހުންނާކަށް އަޅުގަނޑުގެ ޒަމީރު ޖާގައެއް ނުދިން.” އެ ރަސްމިއްޔާތުގައ ވާހަކަ ފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްޓެލްކޯގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ދުވަހު ފެށި ކަމަށާއި، މަޝްރޫޢުތައް ޙަވާލު ކުރަމުން، މަސައްކަތް ނިންމާ ޚިދުމަތް ދިނުމުގައި އަވަދިނެތި ސަރުކާރު ދެމިއޮތް ކަމަށެވެ. އަދި މިކަމުގައި ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް – ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް، ކުރި ފަރަގެއް، ތަފާތެއް، ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

” މިއަދުގެ މިޙަފްލާ އަށްފަހު ދިވެހިރާއްޖެ ފުރޮޅި އިންގިލާބް ވެގެން އެދަނީ ތަރައްގީގެ، މުޅިން އެހެން މަރުޙަލާ އަކަށް. ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް – ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް، ކުރި ފަރަގެއް، ތަފާތެއް، އިރާދަކުރެއްވިއްޔާ ނޯންނާނެ. އެހެންކަމުން މިއަދަށް ފަހު ފެނާ ނަރުދަމާގެ މަސައްކަތް ޙަވާލު ނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖެއަކު ނޯންނާނެ. ވެފައިވެސް – ދެންވާން އޮންނާނީ ހަމަ އެންމެ ގޮތެއް. އެއީ ކަމަށް ބޭނުންވާ ޢިމާރާތްތަށް އުފުލި، މެޝިނަރީ ގެނެވި، ހޮޅިތަށް ވަޅުލެވި، ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރު ވުމުގެ ފެން މުޅިރާއްޖެ، އެކުއެކީ ހިނގާން ފެށުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ދެއްކި ވާހަކައަކީ، އަދިވީ ވަޢުދަކީ ވެސް މިއީ ކަމަށާއި މިއަދަކީ އެވައުދު ފުއްދުމުގެ މަންޒިލަށް ބަނދަރު ކުރުމަށްޓަކާ މިގައުމުގެ ރިޔާ ތަންމިނަށް ހުޅުވާލާ، ކަންކަށިން ފޮނުފޮޅާލާ ދުވެލި ހަރުކުރި ދުވަސް ކަމަށެވެ.

މިއަދު މަސައްކަތް ހަވާލުކުރެވުނު 16 ރަށެއްގެ ނަރުދަމާ އާއި 23 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމު ކުރުމުގެ މަސައްކަތާއެކު ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމު ނުކުރެވިވާ ހުރިހާ ރަށެއްގައި މަސައްކަތް ފެށުމުގެ މަސައްކަތްވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close