ޚަބަރު

ދުންފަތާ ބެހޭ ޤާނޫނު ތަންފީޒުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ރައީސް އެދިވަޑައިގެންފި

މުޅި މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް، ފުރިހަމައަށް ތަންފީޒު ކުރުމަށް، ތަންފީޒީ އިދާރާތަކަށް ރައީސް ވަނީ ގޮވާލައްވައފިއެވެ. އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތައް ގުޅިގެން، ފަރުދީ އަދި އިޖްތިމާޢީ ފެންވަރުގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.

އެ ޚިޠާބުގައި ރައީސް ވިދާޅުވީ، ދުންފަތާބެހޭ ޤަވާޢިދަށް ފުރިހަމައަށް ޢަމަލުކުރުމަކީ، ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ. އަދި ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި، މިއަދަކީ ދުންފަތާއި އަލްވަދާޢު ކިޔާ ދުވަހަކަށް ހެއްދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ގޮވައިލައްވާފައެވެ.

އެމަނިކުފާނު ވަނީ ދުންފަތް ކޮންޓްރޯލްކޮށް، ރައްޔިތުން ދުންފަތާ ދުރުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގައި، މިއަދަކީ ތާރީޚީ ދުވަހެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން “ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ޤަވާޢިދު” އަށް، މިއަދު ޢަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވީކަން ފާހަގަކުރައްވައި ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް، ވަކި މުއްދަތަކަށްފަހު މަނާވާނެކަން ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހެއް، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުންފަތުގެ ވަބާއިން އިންސާނުން ސަލާމަތްކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަށް، ދައުލަތްތަކާއި މަދަނީ ޖަމުޢިއްޔާތައް ބައިވެރިވެގެން، މަސައްކަތް ކުރުމަށް ބާރުއެޅުން ކަމަށެވެ.

މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޙަރަކާތްތައް އަމާޒުކޮށްފައިވަނީ، “ފުއްޕާމޭގެ ދުޅަހެޔޮކަމާއި ދުންފަތް” މި ޝިޢާރުގެ މައްޗަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close