ޚަބަރު

15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރަނީ

ދިވެހިރާއްޖޭގެ 15 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ކުރިއަށް ގެންދާ އެރައިސް މަޝްރޫޢުގެ ދަށުން ބޮޑެތި އާބާދީތަށް ހިމެނޭ ގޮތަށް 15 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިފައިވާ ކަމަށެވެ.

އަންދާޒާ ކުރެވޭ ގޮތުގައި މިއީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެރައިސް މަޝްރޫޢުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާ ރަށްތަކަކީ:

  1. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް
  2. އައްޑޫ ސިޓީގެ ހުޅުމީދޫ
  3. ފުވައްމުލައް ސިޓީ
  4. ކުޅުދުއްފުށީ ސިޓީ
  5. ގދ. ތިނަދޫ
  6. ބ. އޭދަފުށީ
  7. ޅ. ހިންނަވަރު
  8. ލ. ފޮނަދޫ
  9. ލ. އިސްދޫ
  10. ލ. ކަލައިދޫ
  11. ލ. ދަނބިދޫ
  12. ލ. މާބައިދޫ
  13. ލ. ކުނަހަންދޫ
  14. ލ. ހިތަދޫ
  15. ށ. ފުނަދޫ

އެންވާރަމްނެޓް މިނިސްޓްރީން ބުނީ ވޯލްޑް ބޭންކުގެ ހިލޭއެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީއިން މި ރަށްތަކުގެ ކަރަންޓު ވިއުގަތައް ތަރައްޤީ ކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެގޮތުން އެރައިސް މަޝްރޫއިން ދަނީ ރާއްޖޭގެ އެކިރަށްތަކުގައި 36 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓްއަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށްވެސް މަސައްކަތްކުރަމުންނެވެ.

ހަމައެހެންމެ ރަށްތަކުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކޮށް، ކަރަންޓުގެ ނިސްބަތުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެރައިސް މަޝްރޫޢިން ހުޅުވާލާފައިވާ ގްރިޑް އަޕްގްރޭޑިންގް ބީލަމުގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު ގާއިމްކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުން ހިމެނެއެވެ.

މީގެ އިތުރުން ޒަމާނީ ފެންވަރަށް ވިއުގަ ތަރައްޤީކުރުމުގެ ގޮތުން ކޮމިއުނިކޭޝަންނެޓްވަރކް އެޅުމާއި ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުން ހިމެނޭ ކަމަށްވެސް އެންވާރަމެންޓް މިނިސްޓްރީން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close