ނަފްރަތުގެ ޢަމަލު ގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙާއި ދެކޮޅަށް ހެނބަދޫ އިސްލާމިކް އެސޯސިއޭޝަންގެ ފަރާތުން ބަޔާނެއް ނެރެފި
ނަފްރަތުގެ ޢަމަލު ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙާއި ދެކޮޅަށް ނ.ހެނބަދޫ އިސްލާމިކް އެސޯސިއޭޝަންގެ ފަރާތުން ބަޔާނެއް ނެރެފިއެވެ.
ނ.ހެނބަދޫ އިސްލާމިކް އެސޯސިއޭޝަންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ބިލްގައި މާތްވަގެންވާ އިސްލާމްދީނާއި މި ދީނުގެ ހަރުދަނާ އަސާސްތަކަށް ފުށުއަރާ ކަންތައްތަކެއް ހުރިކަމަށާއި އެ ބިލުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށްބޮޑަށް ހަނިވެ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ށ)ން ލާޒިމްކުރާ، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދުމަށް އޮތް އޮތުމާ ދެކޮޅު އިޞްލާޙުތަކެއް އޮތުމުގެ ސަބަބުން، ސަރުކާރުގެ ފަރާތުން އެ ހުށަހެޅި ހުށަހެޅުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެ ބިލު އަނބުރާ ގެންދެވުމަށް އެ ޖަމްޢިއްޔާއިން ގޮވާލާ ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ބިލު ފަރުމާކުރެވިފައިވާ ގޮތުން، މާތްވެގެންވާ އިސްލާމްދީނާ ޢަދާވާތްތެރިވެ، މި މާތް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް އެބައިމީހުންގެ އެ ޢަމަލުތައް ތަކުރާރުކޮށް ކުރުމަށް މަގުފަހިވެ، އެކަންކަން ކުރުމަށް އޮތް ޤާނޫނީ ހިމާޔަތަކަށް މި ބިލު ވެގެންދާނެކަމަށް އެ ޖަމްޢިއްޔާއިން ޤަބޫލުކުރާ ކަމަށެވެ. އަދި ހަމައެހެންމެ، އެފަދަ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށާއި، ލާދީނިއްޔާތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލެވޭ ގޮވާލުންތައް މި ބިލުގެ ސަބަބުން ކުށަކަން ވެގެންދާނެ ކަމަށެވެ.
މި ބަޔާން ނިންމާލައިފައިވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމުންނާއި އެ ބިލަށް ވޯޓު ނުދެއްވުމަށް ނ.ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަ އަށާއި ރައްޔިތުން މަޖިލީހުގެ އެންމެހާ މެންބަރުންނަށް އެ ޖަމްޢިއްޔާގެ ފަރާތުން ގޮވާލަމުންނެވެ.
