ނ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފި
ނ. އަތޮޅު މަދަރުސާ ހުރިހާ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފިއެވެ.
ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ކުރިޔަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ މި ސެޝަނަކީ ކުރިއަށް މިއޮތް ހަފްތާއަކީ ސްކޫލު ބަންދު ހަފްތާކަމަށް ވުމާއެކު ބަންދުތެރޭގައި ދަރިވަރުންގެ ތާވަލް ބައްޓަން ކުރާނެ ގޮތާއި އަދި ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ބުނެދިނުމަށް ކުރިޔަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގައި، އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް އެނގެންޖެހޭ ކަންކަން ބުނެދިނުމާއި އަދި ޤަނާކުރުމަކީ ކޮބައިކަމާއި ގަނާކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ދަރިވަރުން ދުރުވެ ތިބުމަށް ދަރިވަރުން މަސައްކަތް ކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.
މީގެ އިތުރުން މަގުމަތީގެ ރިވެތި އަދަބުތަކާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި، އެސްކޫލުގެ ގްރޭޑް 1ން ގްރޭޑް 10ށް ތަޢުލީމް ހާސިލްކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވެފައިވާއިރު މި ސެޝަނަށް ކުރިއަށް ގެންދިއުމުގައި ސްކޫލުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
މި ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތުދީފައިވަނީ މަނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.
(ޕޮލިސްލައިފް)
