ޚަބަރު

ކައުންސިލަރުންގެ ޢަދަދު އެލެކްޝަނުން ޢާއްމުކޮށްފި

އަންނައަހަރު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުކުރެވޭނެ ކައުންސިލަރުން ޢަދަދު އެލެކްޝަންސް ކޮމިޝަނުންޢާއްމުކޮށްފިއެވެ.

އެކޮމިޝަނުން ކޮށްފައިވާޓްވީޓެއްގައި ބުނެފައިވާގޮތުން އަންނަ އޭޕްރީލު މަހުގައި އޮންނަ ކައުންސިލް އިންތިޚާބުގައި 384 އަންހެނުންނަށް ކައުންސިލަރުކަން ކަށަވަރުވާއިރު ޖުމްލަ 980 ކައުންސިލަރުން އިންތިޚާބުވާނެއެވެ.

ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކަށް ޖުމްލަ 980 ކައުންސިލަރުން އިންތިޚާބުވެގެންދާއިރު ކައުންސިލުތަކުގެ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނަކީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރެވޭ ބައެއް ކަމުގައިވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ރަށެއްގައިވެސް ފަސް ކައުންސިލަރުން މަދުވެގެން ތިބޭނެއެވެ. އަދި 3،000 މީހުންނަށްވުރެ އާބާދީ ބޮޑެތި ރަށްރަށުގައި 7 ކައުންސިލަރުން ތިބޭނެއެވެ.

އަދި ފަސް ކައުންސިލަރުން އިންތިޚާބުކުރާ އާބާދީތަކުގައި 2 ގޮނޑި އަންހެނުންނަށް ޚާއްޞަކުރެވޭއިރު، 7 ކައުންސިލަރުން އިންތިޚާބުކުރާ އާބާދީތަކުގައި 3 ގޮނޑި އަންހެނުންނަށް ޚާއްޞަވާނެއެވެ.

ފަސް ކައުންސިލަރުން ތިބޭނީ 165 ރަށުގައެވެ. އެރަށްރަށުގެ ކައުންސިލަރުންގެ ޖުމްލަ ޢަދަދަކީ 825 ކައުންސިލަރުންނެވެ. އޭގެ ތެރެއިން 330 ކައުންސިލަރުންވާނީ އަންހެނުން ކަމުގައެވެ. ހަތް ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގެ ޢަދަދަކީ 14އެވެ. އެއީ ސިޓީތައް އިސްތިސްނާކުރުމަށްފަހުގައެވެ. އެހެންކަމުން ޖުމްލަކޮށް އެރަށްތަކުގައި ކައުންސިލަރުންގެ ޢަދަދަކަށްވާނީ 98 ކައުންސިލަރުންނެވެ. އޭގެ ތެރެއިން 42 ކައުންސިލަރުންވާނީ އަންހެނުން ކަމުގައެވެ.

ސިޓީ ކައުންސިލުތަކުގެ ޖާގައިގެ ޢަދަދަކީ 39 ކައުންސިލަރުންނެވެ. އޭގެ ތެރެއިން 12 ކައުންސިލަރުންވާނީ އަންހެނުން ކަމުގައެވެ. އެގޮތުން މާލެ ކައުންސިލުގައި 19 ކައުންސިލަރުން ތިބޭނެއެވެ. އަދި އައްޑޫ ކައުންސިލުގައި 13 ކައުންސިލަރުން ތިއްބަވާނެއެވެ.

އަތޮޅު ކައުންސިލުތަކުގެ އެކުލެވުމަށް ވަރަށް ބޮޑު ބަދަލެއް ގެނެވިފައިވެއެވެ. އެގޮތުން އަތޮޅު ކައުންސިލުތަކުގައި ތިއްބަވާނީ ރަށު ކައުންސިލުތަކުގެ ރައީސް ކަމުގެ މަޤާމަށް ރައްޔިތުން އިންތިޚާބުކުރައްވާ އެކައުންސިލުތަކުގެ ރައީސުންނެވެ. ރައްޔިތުންގެ އިންތިޚާބުން އަތޮޅު ކައުންސިލަށް ހޮވަނީ އެންމެ މެންބަރެކެވެ. އެއީ މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންގެ ވޯޓުން ހޮވޭ މެންބަރެކެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 929 މެންބަރުން އިންތިޚާބުކުރެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close