ޖަމްޢިއްޔަތުއްސަލަފު އުވާލުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް “އެސްއެމްޑީ” އިން ބަޔާނެއް ނެރެފި
ޖަމްޢިއްޔަތުއްސަލަފު އުވާލުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް ނ.މާފަރަށް ނިސްބަތްވާ ޖަމްޢިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ މާފަރު ޑިވެލެޕްމެންޓް “އެސްއެމްޑީ” އިން ނޫސްބަޔާނެއް ނެރެފިއެވެ.
އެ ޖަމްޢިއްޔާއިން އިއްޔެ ނެރެފައިވާ ބަޔާނުގައިވަނީ ޖަމްޢިއްޔަތުއްސަލަފަކީ އިސްލާމީ ޞައްޙަ ޢަޤީދާ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އާލާކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ނަމޫނާ ޖަމްޢިއްޔާއެއްކަމަށާއި، ހަމައެހެންމެ ޖަމްޢިއްޔަތުއްސަލަފަކީ އިސްލާމުދީނުގެ މެދުމިނާއި ދީނުގެ ރިވެރި އަޚްލާޤާއި ރިވެތި އުސޫލުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ ޖަމްޢިއްޔާއެއްކަމާމެދު، އަދުލުވެރި ވިސްނުމަކުން ވިސްނާ އެއްވެސް މީހަކު ދެބަސް ނުވާނެކަމަށް ބުނެފައެވެ.
އަދި އެސް އެމް ޑީ އަކީވެސް ޖަމްޢިއްޔަތުއްސަލަފާ ގުޅިގެންގެ އެކިއެކި ދީނީ ދަރުސް ޕްރޮގުރާމުތައް އެކިއަހަރުމަތީން ރާވާ ހިންގަމުން އަންނަ ޖަމްޢިއްޔާއެއްކަމަށާއި، މިފަދަ އެއްވެސް ޕްރޮގުރާމެއްގައި ހަރުކަށި ފިކުރަށް ހިތްވަރުދީ، ދީނުގައި ހައްދުފަހަނަ އަޅާދިޔުމަށް ނުވަތަ މީހުން މެރުމަށް ބަރާރުއަޅައި އެކަމަށް ހިތްވަރުލިބޭ އެއްވެސް ވާހަކައެއް ޖަމްޢިއްޔަތުއްސަލަފުން ދައްކާފައި ނުވާކަމަށް އެސްއެމްޑީ އިން ހެކިވާ ކަމަށްވެސް އެބަޔާނުގައި ވެއެވެ.
އެހެންކަމުން ، ދީނީ މައްސަލަތަކުގައި ދީނީގޮތުން ކަންކަން އޮންނަގޮތް އޮޅުންފިލުވައިދީ އަދި ދީނީ ކަންކަމުގައި ހައްޤުބަސް ބުނުމަށްޓަކައި ހެދިފައިވާ މިފަދަ ޖަމްޢިއްޔާތަކަށް ފިޔަވަޅުއަޅައި އުވާލުން ވެގެންދާނީ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށްވެސް އެބަޔާނުގައިވެއެވެ.
އަދި އެއްވެސް ހެއްކެއް ޤަރީނާ އެއްނެތި ފްރޭމްކޮށްގެން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ޖަމްޢިއްޔާތައް ހިންގުމަށް ބަޔާންކޮށްފައިވާ ގޮތުގެމަތީން ހިންގަމުން އަންނަ ޖަމްޢިއްޔާއަކަށް ފިޔަވަޅުއެޅުމަކީ ބޭއިންސާފުން ދެވޭ ވަރަށް ބޮޑު އަނިޔާއަކަށްވާތީ މިފަދަ އަނިޔާތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އެ ޖަމްޢިއްޔާގެ ފަރާތުން އެބަޔާނުގައި ގޮވާލައިފައިވެއެވެ.
އަދި މިފަދަ ނާތަހުޒީބީ ޢަމަލުތައް ހިންގާ ފަރާތްތަކުން، ﷲ އަށް ބިރުވެތިވުމަށް ގޮވާލާކަމަށާއި، އެފަދަ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވާ، ޙައްޤުގެ މަގަށް ރުޖޫއަވުމުގެ ތަޢުފީޤު މިންވަރު ކުރެއްވުމަށް އެބަޔާނުގައި ދުޢާކޮށްފައިވެއެވެ.
އެސްއެމްޑީއިން މި ބަޔާން ނެރެފައިވާއިރު ރާއްޖޭގެ އެކި ހިސާބުތަކުން ކައުންސިލްތަކުންނާއި، އެކިއެކި ޖަމިއްޔާތަކުން މިފަދަ ބަޔާންތައް ނެރެމުންދާކަން ފާހަގަކުރަމެވެ. އަދި ޢާއްމުންވެސް ސޯޝަލްމީޑިއާގައި ސަލަފުޖަމިއްޔާ ދިފާއުކޮށް ޝުޢޫރުފާޅުކުރަމުންގެންދާ ކަންފާހަގަކުރަމެވެ.


