ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނީ ފަތުހީ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި މޫސާ ފަތުހީ ވާދަކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ފަތުހީއަށް އެ ޓިކެޓު ލިބިފައި ވަނީ އިދިކޮޅު ކޯލިޝަނުން ހުޅުވައިލި ޕްރައިމަރީއަށް އިތުރު މީހަކު ވާދަ ނުކުރުމުންނެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު މިދިޔަ ހަފުތާގައި އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ނައިބުކަން ކުރެއްވި ފަތުހީ އަށް ޕީޕީއެމްގެ ޓިކެޓު ލިބުނީ އެ ދާއިރާ އަށް އެ ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި އޭނާ އެކަނި ކުރިމަތިލުމުންނެވެ.
މި އިންތިހާބުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ނެރުމަށް ހަމަޖެހިފައިވެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.



