ޚަބަރު

މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އެޗްޑީސީން ބުނެފި

މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރާނަން: އެޗްޑީސީ
ރައުފާ ރަޝީދު December 9, 2021 – 12:15 am
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފޮޓޯ: ރާއްޖެއެމްވީ

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމާއި ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރާނެ ކަމަަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ބިމަކީ، އެ ކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކައި، ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝައްސެއް ކަމަށާއި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެ ކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި، ބިމާއި ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ނ)އާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ޤާނޫނާއި ޚިލާފު، ނާތަހުޒީބީ ނިންމުމެއް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަޞީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މީގެ އިތުުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައި ކަމަށާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާއި ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްޤުތައް ލިބިދީފައިވުން ކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.

އަދި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ. މިއަދު ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާއިރު، އެތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ނުލިބޭކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ނަރީޝް ވިދާޅުވީ އެ މައްސަލައިގައި މަޖިލީހާއި އެހެން އިދާރާތަކާ ވެސް ބައްދަލު ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށާއި މިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.

ނަރީޝްގެ އެ ހުށަހެޅުމާ އެކު މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ފާސްކޮށްފައި ވަނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 12 ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close