ސަރުކާރުގެ ވިސްނުމަކީ، ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ތަރައްޤީގެ ކަންތައްތައް އިންތިޒާމް ކުރުން – ރައީސް
ސަރުކާރުގެ ވިސްނުމަކީ، ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް ނަފާއާއި މަންފާ ލިބޭނެ ގޮތަށް ތަރައްޤީގެ ކަންތައްތައް އިންތިޒާމް ކުރެއްވުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހެން ވިދާޅުވީ ކެނދިކުޅުދޫ “މަސްޖިދުއްރަޙްމަތު” ހުޅުއްވައިދެއްވުމަށް އިއްޔެ ހަވީރު ކެނދިކުޅުދޫގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަ ފުޅުދައްކަވަމުނެވެ.
ރައީސްވަނީ ކެނދިކުޅުދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ، އަދި މިހާރުވެސް ހިނގަމުންދާ މަސައްކަތްތަކާއި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ޙިއްޞާ ކުރައްވާފައެވެ.
550 މީހުންގެ ޖާގައިގެ މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވާފައިވާ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 17 މާރިޗު 2019 ގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެންމެ ފުރަތަމަ ބިންގާ އަޅުއްވާފައިވާ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތަށް ހޭދަވެފައިވަނީ 296 ދުވަހެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ވިޔަފާރި ކުރުމަށް، އަދި ވަކީން ޚާއްޞަކޮށް އިންވެސްޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ޙައްލުކޮށްދެއްވައި، ވިޔަފާރިވެރީންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރީންނަށް ޤާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.
“މަސްޖިދުއްރަޙްމަތު” ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މިސްކިތް ބައްލަވައިލައްވާ، މިސްކިތުގެ ގޯތިތެރޭގައި ގަހެއް އިންދަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.


