ހުޅުމާލޭ ފޭސް 3 ހިއްކުން ނިމުމަކަށް، 87 އިންސައްތަ މަސައްކަތް ފުރިހަމަވެއްޖެ: އެމްއޭސީއެލް

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމަށް ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގައި، ފާއިތުވި 6 ދުވަހު އެކަނިވެސް 6 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިވާކަމަށާއި، މިއާއެކު ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ތެރެއިން 55 ހެކްޓަރުގެ ބިން މިހާރު ވަނީ އެއްކޮށް ހިއްކާ ނިމިފައިކަމަށް އެމްއޭސީއެލުން ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި މި މަސައްކަތް މެދުކެނޑުމަކަށްފަހު، އަލުން ބާރުސްޕީޑުގައި ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަސައްކަތް އަވަސްކުރުމަށްޓަކައި 22,000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ބޮޑު ދެ ޑްރެޖަރު ބޭނުންކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމާލުންކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
މި ސަރަހައްދުން ‘ބިންވެރިޔާ’ ސްކީމުގެ ދަށުން 698 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭ ފޭސް 3 ގެ މަސައްކަތް ނިމުމާއެކު، މިހާރު ބޭނުންކުރާ ޑްރެޖަރުތައް ދެން މިސްރާބު ޖަހާނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަށެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބިޔަ މަޝްރޫޢުތަކުގެ މުހިންމު ބައެކެވެ.

Kurin buni hulhumale phase 3 hihkaa nimey irah giraivarufalhu hikumuge masaikathey dhen fashani ehen kiyaafa ves Goss gulhifalhu hihkumuge Masaikai tho fashani Dhogu hedhumaa olhuvaalun mulhin ves