ޚަބަރު

ޢިއްޒުއްދީން ފާލަން ކައިރީގައި މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި ނިޔާވެއްޖެ

އިއްޒުއްދީން ފާލަން ކައިރީގައި މަސް ބާނަން ހުރި މީހަކު މިއަދު ހެނދުނު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.

މޫދަށް ވެއްޓި ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެއްސެކެވެ. އަދި އޭނާ މޫދަށް ވެއްޓުނީ މާލެ އަށް މިއަދު ހެނދުނު ކުރަމުންދާ ވިއްސާރައިގެ ތެރޭގައި ވައިގަދަވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާ މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 6:52 ގައި ކަމަށެވެ. އަދި އެ މީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން، އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ނިޔާވެފައި ވަނީ ހެނދުނު 7:20 ގައި ކަމަށް ފުލުހުންގެ އިދާރާ އިން ވަނީ ބުނެފަ އެވެ.

މިއަދު ހެނދުނު މާލެ އަށް ގަޑިއަކު 22-27 މޭލާ ދެމެދުގަ ވައި ޖެހިފައި ވާއިރު، ކޮޅިގަނޑުގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 50 މޭލަށެވެ.

ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރައިގެ ސަބަބުން އެކި ސަރަހައްދުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންގާފައިވާއިރު، އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުތައް ކުރާއިރު ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރަމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހިތާމަވެރި ހާދިސާއެއް ހިނގާފަ އެވެ. ކަނޑުމަތީގެ ހާދިސާއެއްގައި އަންހެނަކު މަރުވެފައިވާއިރު، އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ވަނީ ގެއްލިފަ އެވެ. ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close