ޚަބަރު

ހައްޖަށް ދިއުމަށް ހުޅުވާލި 100 ޖާގައަށް 500 އަށްވުރެ ގިނަ ފޯމް ވަނީ ހުށަހަޅާފައި

މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހުޅުވާލި 100 ޖާގައަށް 500 އަށްވުރެ ގިނަ ފޯމް ވަނީ ހުށަހަޅާފައިކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ސަތޭކަ ފުރުޞަތުގެ ތެރެއިން ފުރުޞަތު ހޯދުމަށް އެދުނު މީހުންގެ ތެރެއިން ފުރުޞަތު ލިބޭ މީހުން ހޮވުމަށް ބާއްވާ ގުރުއަތުނެގުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބުނު 453 ޖާގަ އެއްކޮށް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އައްމުކޮށް ހުޅުވައިލައިގެން މީހުން ހޮވުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިހާރު ފޯމް ހުށައެޅުމަށް ހުޅުވާލާފައިވާއިރު މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުންނާއި ޙައްޖު ކޯޕަރޭޝަންގެ މެއިލް މެދުވެރިކޮށެވެ. މި 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންކަމުން، ގުރު އަތުނެގުން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. މިގޮތުން ހޯމަ ދުވަހުގެ މެނދުރު 14:30 އިން 17:00 އަށެވެ.

އާއްމުކޮށް ހުޅުވާލައިގެން ހައްޖަށް ދިއުމަށް 100 ޖާގަ އޮތްއިރު މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76960 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަންނަ މަހުގެ 15 އަށް އުމުރުން 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން ހިމެނޭކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close