ކޮންމެ މީހަކުވެސް ވަޒީފާއާއި ވަގުތަށް އަމާނާތްތެރިވުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

އަހަރެމެން އަދާކުރާ ވަޒީފާތަކާއި އެ ވަޒީފާގެ ވަގުތުތަކަކީ ބޮޑުވެގެންވާ އަމާނާތެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. އެހެންކަމުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއްކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
“އަމާނާތްތެރިކަމުގެ” މުހިންމުކަމުގެ މައްޗަށް ހުށަހަޅައިދިން މިއަދުގެ ހުކުރު ޚުޠުބާގައި ބޮޑަށް ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:
މުދަލާއި ފައިސާ: ދައުލަތާއި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ، އަމިއްލަ މީހެއްގެ މުދަލަށް ޚިޔާނާތްތެރިވުމަށް ވުރެ ބޮޑެވެ.
ގުނަވަންތަކާއި ދަރިން: ލޮލާއި، ކަންފަތާއި، ދުލަކީ އަމާނާތެކެވެ. ހަމައެފަދައިން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ވެސް ބޮޑު އަމާނާތެކެވެ.
މުނާފިޤުންގެ ސިފަ: އަމާނާތަށް ޚިޔާނާތްތެރިވުމާއި، ދޮގުހެދުމާއި، ވަޢުދާ ޚިލާފުވުމަކީ މުނާފިޤުންގެ އަލާމާތްތަކެކެވެ.
ތިމާވެށި: ގުދުރަތީ މާހައުލަކީ އަންނާން އޮތް ޖީލުތަކަށްޓަކައި އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތެކެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ކޮންމެ މީހަކާވެސް ހަވާލުކުރެވިފައިވާ އަމާނާތްތަކާ މެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަން ހަނދާންކޮށްދީ، މާތް اللهއަށް ބިރުވެތިވެ އަމާނާތްތަކަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
