ކޯޓުން އިއްޔެ ދޫކޮށްލި ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން ދެ މީހުން އަލުން ހައްޔަރު ކޮށްފި
ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ތިންމީހަކު ކޯޓުން ދޫކޮށްލައިފައިވަނިކޮށް އޭގެ ތެރެއިން ދެ މީހަކު އަލުން ހައްޔަރުކޮށްފި އެވެ.
އިއްޔެ ކޯޓުން ދޫކޮށްލާފައިވަނީ ތިން މީހެކެވެ. އެމީހުން ދޫކޮށްލީ 40 ދުވަސް ބަންދުގައި ބައިތިއްބާފައިވާއިރު އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭވަރުގެ ހެއްކެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށް ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދެމީހުން އަލުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ.އަނެއް މީހާ ހައްޔަރު ކުރުމާއި ގުޅޭގޮތުން ފުލުހުން އަދި މައުލޫމާތު ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން އަލުން ހައްޔަރުކުރީ އާ ތުހުމަތުތަކަކަށެވެ.
ފުލުހުންގެ މި އޮޕަރޭޝަން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލުމުންނެވެ. ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް އަށް މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ފުލުހުން ވަނަވަރު ހާމަ ކޮށްފައިވަނީ ފަސް މީހެއްގެ އެވެ.
މިހާތަނަށް ވަނަވަރު އާންމުކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.
މި ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ވަޑައިގެންނެވީ ޖަރުމަނުވިލާތަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައި އެވެ.
