އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި
އިންޑިޔާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު ރާއްޖެ ވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، ދެފަރާތުންވަނީ ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ފުޅާވެ، ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ މާރިޔާ ވަނީ، ކޯވިޑް-19ގެ ދަތި އުނދަގޫ ޙާލަތުގައި، ބޭސްފަރުވާއާއި ކާބޯތަކެއްޗާއި އިންސާނީ އެހީއާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އިންޑިޔާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން، ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، 170 އަށް ވުރެ ގިނަ މެޑިކަލް އިވޭކުއޭޝަނާއި 130 ސަރވައިލެންސް މިޝަން ހިންގުމުގައި އިންޑިޔާގެ އެހީތެރިކަން ލިބިފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކޯސްޓް ގާޑުގެ ޑޮކްޔާޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޑިފެންސް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްކަން ފާހަގަކުރައްވާ، އެކަމަނާވަނީ އިންޑިޔާ ސަރުކާރުން މިމަޝްރޫޢަށް ދެއްވާ އެހީތެރިކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

