ޚަބަރު

އަޅުގަނޑަކީ ވެސް ޕާޓީއެއްގެ ލީޑަރެއް ، ކުރިއަށް ދާނީ ޕާޓީން ނިންމާ ނިންމުންތަކާ އެއްގޮތަށް: ގާސިމް

ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ރައީސް ސޯލިހު އާއި މިއަދު ރައީސް އޮފީހުގައި ބައްދަލުކުރެވުމުން އެކަމާ ގުޅޭގޮތުން ނޫސްވެރިން ނަށް މައުލޫމާތު ދެއްވަމުން އޭނާ އަކީ ވެސް ޕާޓީއެއްގެ ލީޑަރެއް ކަމަށާއި ކުރިއަށް ދާނީ ޕާޓީން ނިންމާ ނިންމުންތަކާ އެއްގޮތަށް ކަމަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެކު ބޭއްވުނު ބައްދަލުވުމަށްފަހު ރައީސާ އެކު ކޯލިޝަނެއް ހަދަން ނިންމުމާ ގުޅޭގޮތުން ރައީސަށް ހުށަހެޅުއްވި ކަންތައްތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެއިން އެއްވެސް ކަމަށް ޖަވާބެއް ނުދެއްވައެވެ.

ގާސިމް ތަކުރާރުކޮށް ވިދާޅުވީ ކޯލިޝަނާ ގުޅޭ މަޝްވަރާތައް ކުރާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތަކާ މެދުގައި އެ ޕާޓީގެ ކައުންސިލުން ނިންމުމުންނެވެ.

ޖޭޕީއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީއެވެ. ގާސިމް، ރައީސް އޮފީހުގައި ރައީސް ސޯލިހާ ބައްދަލު ކުރެއްވި އިރު، އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ދައުވަތު ދެއްވި އެއް ޕާޓީއަކީ ޖޭޕީއެވެ.

ގާސިމް ވިދާޅުވީ އިންތިހާބުގައި ވަކިން ވާދަކުރުމާ މެދު އޭނާ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ސިޔާސީ ވާހަކައެއްގެ ތެރޭގައި އަޅުގަނޑުމެންގެ ކޯލިޝަނެއް އޮންނާނެތޯ ނޯންނާނެތޯ، މިކަމާ ބެހޭގޮތުން ވާހަކަދެއްކި. އޭގައި ދެން އިތުރަކަށް އަޅުގަނޑުމެން މިވެނިހެންނޭ ނިންމީ، އެވެނިހެންނޭ ނެތް އަޅުގަނޑަށް ހާމަކުރެވޭކަށް.

– ގާސިމް ވިދާޅުވިއެވެ.

ގާސިމް ރައީސް ކަމަށް ވާދަކުރައްވައި ރަނިން މޭޓަކަށް ނަޝީދު ގެންނަވަން އުޅޭކަމުގެ އަޑުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ގާސިމް ވިދާޅުވީ މީހުން އެކި ވާހަކަތައް ދައްކާނެ ކަމަށާއި އަނބު މޫސުމުގައި ގަސް ދޮށަށް ވާ އަންނާނެ ކަމަށެވެ. ރަނިން މޭޓަކަށް ނަޝީދު ހުށަހެޅުއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމާ ގުޅޭގޮތުން އަދި އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓިއަކީ މިސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަން ހެދުމުގެ ބާރު އެޕާޓިގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެޕާޓީ ޤައުމީ މަޖިލީހުން ވަނީ ދެއްވާފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ ހިމެނޭހެން ބައެއް ޕާޓީތަކަށް ދަޢުވަތު ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ދެއްވި ދަޢުވަތު ޤަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައިވަނީ ޢަދާލަތު ޕާޓީއާއި، އެމްޑީއޭއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close