ޚަބަރު

މަޖިލީހުގެ އަބަދުވެސް އަމާޒަކީ އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް ގޮތްތަކެއް ހޯދައިދިނުން – ރައީސް ނަޝީދު

އަބަދުވެސް މަޖިލީހުގެ އަމާޒަކީ އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް ގޮތްތަކެއް ޙޯދައިދިނުން ކަމަށާއި މަޖީލުން މަސައްކަތްކުރަނީ ރައްޔިތުންގެ އުއްމީދުތައް ގެއްލިގެން ނުދާނެ ގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދަޅުވެއްޖެއެވެ.

ތެލަސީމިއާ ކުދިންނަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލުހޯދިދާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފެށި ބައްދަލުވުން، ފައްޓަވައި ދެއްވައި ރައީސް ނަޝީދު ވިދާޅުވީ އިޖުތިމާޢީ ކޮމިޓީގެ ބޭނުމަކީ ރައްޔިތުންނަށް އުއްމީދެއް ދިނުންކަމަށާއި، އެ އުއްމީދު ގެއްލި ނުދާނެ ހުރިހާ ގޮތްތަކެއް ހޯދައި ދިނުންކަމަށެވެ.

ތެލަސީމިއާ ކުދިންގެ އާއިލާތަކަށް ކުރާ އަސަރާއި އެ އާއިލާތަކުގެ ވޭނަކީ އެހެންމީހުންނަށް އިޙުސާސް ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެއީ އަހަރަމެންނަށް ހަމައެކަނި ދުރުން ފެންނަ މަންޒަރެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ބައްދަލުވާ ކޮންމެ މީހަކު އެތައް ޝަކުވާތަކެއް އުފުލާކަމަށާއި، އެއީ އެކަން ހިންގަންޖެހޭ ނިޒާމުކަމަށެވެ.

އެގޮތުން ތެލަސީމިއާ ކުދިންގެ ޚާލަތަށް ބަލާއިރުވެސް ލޭ ލިބުމުގެ ދަތިތަކާއި، އިމާރާތާއި އިންސާނީ ވަސީލަތުގެ ދަތިކަމުގެ ޝަކުވާވެސް ލިބިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ތެލަސީމިއާ ކުދިންނާއި، އަދި އެހެނިހެންވެސް އިޖުތިމާޢީ މަސައްލަތައް ޙައްލުކުރުމަށް މަޖިލީހުގެ ތެރެއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.

“ދާއިމީ ބައްޔާއި ހިތާމައިގެ ވޭނާއި އަސަރާއި ކިލަނބުކަން އިނގެނީ އެ އަނދިރިއާ ވޭނުގައި އުޅޭ މީހުންނާއި އާއިލާތަކަށް. މަރުގެ ތުންފަތްމަތީގައި ހަޔާތެއް ހޭދަންކުރަންޖެހިފައިވާ އާއިލާތަކެއްގެ ވާހަކަ. އަހަންނާއި އޭނާޔާއި އަހަރަމެން ދެމީހުންނަށް ލިބުނު ދަރިފުޅަށް ވާގޮތް، ވީގޮތް، ވާނެގޮތް ގޮސްނިމޭނެ ތަން. އެއީ އަޅުގަނޑަށް، ގިނަމީހުންނަށް އެނގޭނެ ވޭނެއް ނޫން. ” ރައީސް ނަޝީދު ވިދާޅުވިއެވެ..

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާ ވިދާޅުވީ، ގިނަ ޤާނޫނުތަކެއް ތަންފީޒުކުރުމުގައި އެކި މުޢައްސަސާތައް ޙިއްސާވާންޖެހޭފަދަ ޤާނޫނުތައް ހުރިކަމަށެވެ. މިކަމުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމަށް ދަތިވެ، ބައެއް ޙާލަތްތަކުގައި ރައްޔިތުންނަށް ލިބެންޖެހޭ ޤާނޫނުގެ މަންފާ ލިބުމަށް ހުރަސްއެޅޭކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ތެލަސީމިއާ ކުދިންގެ ޙައްޤުތަކާއިގުޅޭ މިފަދަ ބައްދަލުވުމެއް ބޭވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ތެލަސީމިއާ ކުދިންނާއި ގުޅޭ ޤާނޫނުތައް ތަންފީޒްކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި، އެކަންކަން އިސްލާހު ކުރެވޭނެ ގޮތްތައް ދެނެގަތުންކަމުގައި އަޙުމަދު އީސާ ވިދާޅުވިއެވެ.

“ބައްދަލުވުމަށްފަހުން ފާހަގަވާ ކަންކަމުގެ މައްޗައް އަންނަ ރިޕޯޓަށް ބެލުމަށްފަހު، ޤާނޫނަށް ބަދަލެއް ގެންނަންޖެހޭނަމަ އެ މަސައްކަތް ފަށާނަން.” އަޙުމަދު އީސާ ވިދާޅުވިއެވެ.

މަޝްވަރާ ބައްދަލުވުން ކުރިއަށްގެންދަނީ ރައްޔިތުންގެ މަޖިލީހުގައެވެ. މި ބައްދަލުވުމުގައި އިޖުތިމާޢީ ކޮމިޓީގެ އިތުރަށް ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ބައިވެރިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close