ޚަބަރު

އިންޑިޔާއިން އަދީބަށް ޙިމާޔަތް ނުދީ ޑީޕޯޓު ކޮށްލައިފި

ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު އިންޑިޔާގެ ސިޔާސީ ޙިމާޔަތަށް އެދިފައިވަނިކޮށް ޙިމާޔަތްނުދީ  އަދީބު ޑީޕޯޓްކޮށްލައިފިއެވެ.

އިންޑިއާގެ “ދަ ނިއު އިންޑިއަން އެކްސްޕްރެސް” ނޫހުގައި ވާގޮތުން އަދީބު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށް އަނބުރައި ރާއްޖެއަށް ފޮނުވާލީ އޭނާ އިންޑިއާއަށް ދަތުރުކުރި ޓަގްބޯޓުގައެވެ. އަދި އޭނާ ޙަވާލުވެގެން އެބޯޓުގައި ކަމާބެހޭ ފަރާތްތަކުންވެސް ރާއްޖެއަށް ދަތުރުކުރާކަމަށް އެނޫހުން ބުނެއެވެ.

އަދީބު ޑީޕޯޓުކޮށްލަން އިންޑިއާއިން ނިންމީ މިއަދުގެ ވަގުތެއްގައިކަމަށްވެސް “ދަ ނިއު އިންޑިއަން އެކްސްޕްރެސް” ނޫހުން ބުނެއެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ. އަދި ޓަގު ބޯޓުގައި 9 މީހުން ރާއްޖެއަށްވަނީ އައިސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތަކާއި އިންޑޮނޭޝިއާގެ 8 ރައްޔިތުންނެވެ.

އަދީބް ފިލައިގެން ދަތުރު ކުރީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ރާއްޖޭގެ ސުޕްރީމްކޯޓުން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައި އޮއްވައެވެ. ސުޕްރީމްކޯޓުން އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވަނީ، އަދީބުގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ޙުކުމެއް ހައިކޯޓުން ބާތިލްކުރުމުން، އެމައްސަލަ ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރުމާއެކުއެވެ.

އަދީބަކީ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ކުރިއަށްދާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތުގައި ހެކިބަސްދިނުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެތެރެއިން ހެއްކެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close