ލައިސަންސް ނަގަން އެޕްލައި ކުރެވޭނީވެސް އިތުރު ތަމްރީނެއް ފުރިހަމަކުރުމަށްފަހު – މިނިސްޓަރު
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ މީހުން ލައިސަންސަށް އެދި އެޕްލައިވެސް ކުރެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، ނުވަތަ ފުލުހުން ދޭ ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ވީޓީވީގެ “ފަސްމަންޒަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވީ ލައިސަންސް ނަގަން އެޕްލައި ކުރެވޭނީ ތަމްރީނު ހެދުމަށް ފަހުގައި ކަމަށާއި އެގޮތަށް ނިންމީ ދަތުރުފަތުރަށް މީހުން އަހުލުވެރިކޮށް، އެކްސިޑެންޓްތައް މަދުކުރުގެ މަގުސަދުގައި ކަމަށެވެ.
“އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ނަގާ އިރު، އަލަށް ލައިސަންސް ނަގާ ފަރާތެއް ވެއްޖެއްޔާ، މި ދެންނެވީ ރައްކާތެރިވުމުގެ ގޮތުން، ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން އަޅުގަނޑުމެން މިހާރު ކަނޑައަޅާފައި ވާނީ (ޓްރާންސްޕޯޓް) މިނިސްޓްރީން ނޫނީ، މިނިސްޓްރީން ކަނޑައަޅާ ފަރާތެއް، ނޫނީ ޕޮލިހުން އެ ހިންގާ ތަމްރީނަކަށް ފަހު ލައިސަންސް އަށް އެޕްލައިކުރެވޭ ގޮތަށް،” ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ތަމްރީނެއް ހަދަން ޖެހުމަކީ ރައްކާތެރިކަމާ މެދުު ވިސްނަން، މީހުންނަށް މަޖުބޫރުވާނެ ކަމެއް ކަމަށާއި އެއީ މުހިއްމު މަސައްކަތެއް ކަމަށެވެ.
އެއްގަމު ދަތުރުފަތުރާ ގުޅޭ ގޮތުން މި އަހަރު ކުރަން ނިންމާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ނަހުލާ ވިދާޅުވީ މަގުމަތީގެ އާ ސައިންބޯޑްތައް ވެސް މި އަހަރު ތައާރަފްކުރާނެ ކަމަށެވެ. ބޯޑްތައް ތައާރަފްކުރުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި މަގުމަތީގެ ރައްކާތެރިކަން އަދި ހާއްްސަކޮށް ބްރިޖާއި ލިންކްރޯޑް ސަރަހައްދުގެ ރައްކާތެރިކަން އިތުރުކުރުން ކަމަށެވެ.
މެޝިނަރީ އަށް ރީޑް ކުރެވޭ ފަދަ، އަދި ފަސޭހަ އިން ހަނދާން ބެހެއްޓޭ ފަދަ ސިފަތަކާ އެކު އާ ނަމްބަރު ޕްލޭޓެއް ވެސް މި އަހަރު ތައާރަފްކުރަން ނިންމާފައިވާ ކަަމަށާއި އެކަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
“އޭގެ ސަބަބުން އަޅުގަނޑުމެންނަށް މި ދެންނެވީ ޓްރެކްކުރެވުން ނުވަތަ، ސައިކަލެއް އެއްޗެއް ގެއްލުނަސް ހޯދަން ވެސް ފަސޭހަވެގެންދާނެ،” އޭނާ ވިދާޅުވި އެވެ.
