ޤައުމީ ޓީމް ހޯދަމުންދާ ކާމިޔާބަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ހޯދަމުންދާ ކާމިޔާބީތައް ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމީ ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ރާއްޖެ ވަނީ ސްރީލަންކާގެ ޤައުމީ ޓީމުގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.
ޤައުމީ ޓީމު ހޯދި މޮޅާއި ގުޅިގެން މަރުހަބާ ވިދާޅުވެ ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީ ޓީމާއި މެދު މުޅި ޤައުމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އަދި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައިވެސް ޓީމުގެ އެކުވެރިކަމާއެކު މޮޅުވުމުގެ ރޫހު ނެރެގެން ކުޅެ، ޤައުމީ ޓީމު ފައިނަލަށް ދިއުމަކީ އުއްމީދެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދުގެ މެޗު ކުރިއަށްދިޔައިރު ވަނީ ދަނޑަށް ވަޑައިގަންނަވާފައެވެ.
މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބައެއް ވެރިން ވެސް ދަނޑަށް ވަޑައިގެންނެވިއެވެ. އަދި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސަވެސް މި މެޗް ބައްލަވާލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގެންނެވިއެވެ.


