ފުރަތަމަ ވެޓަރަންސް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްގައި ހަތްކަ އާއި ގުންބަރު
ނ.ލަންދޫގެ ތާރީހްގައި އެރަށުގައި ބޭއްވޭ އެންމެފުރަތަމަ ވެޓަރަންސް ފުޓްސަލް މުބާރާތުގެ ފައިނަލްގައި އެފްސީ ހައްކަ އާއި ގުންބަރު ސްޕޯރޓްސް ބައްދަލުކުރަން ޖެހިއްޖެއެވެ.
ލަންދޫގެ އުމުރުން 35 އަހަރުން މަތީގެ ފުޓްބޯޅަ ކުޅުންތެރިން 4 ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެޓީމަކާއި ކޮންމެޓީމެއް ބައްދަލުކޮށް ނިމުނުއިރު އެފްސީ ހައްކަ ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެއްމެޗުން އެއްވަރުވެ 2 މެޗުން މޮޅުވެ ޖުމުލަ 7 ޕޮއިންޓް ހޯދާފައެވެ. އަދި ގުންބަރު ސްޕޯރޓްސް ވަނީ އެޓީމު ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް އެއްމެޗުން ބަލިވެ ޖުމުލަ 6 ޕޮއިންޓް ހޯދާފައެވެ. ކޮންމެޓީމެއް ކޮންމެޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށް ކުޅެވުނު މި މުބާރާތް ފެށުމުގެ ގޮތުން އެފްސީ ހައްކަ އާއި ގުންބަރު ސްޕޯރޓްސް ބައްދަލުކުރި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ އެފްސީ ހައްކަ ޓީމުންނެވެ.
މުބާރާތުގެ ފައިނަލްގެ ކުރިން ކުޅެވުނު މެޗުތަކުގައި ރޭގައި އެފްސީ ވެވާއި އެފްސީ ހައްކައިގެ މެޗު ނިމިގެން ގޮސްފައިވަނީ 8 ލަނޑު 4 ލަނޑުގެ ބޮޑުތަފާތަކުން އެފްސީ ހައްކަ މޮޅުވެގެންނެވެ. މި މެޗުގައި ހައްކަ ޓީމުގެ ލަނޑުތައް ޖަހާދީފައިވަނީ ޢަބުދުﷲ ސިޙާމް (ސީޓޭ ) 6 ލަނޑާއި އަދި އަފްނާޒު 2 ލަނޑުއެވެ. އެފްސީ ވެވުގެ ލަނޑުތައް ޖަހާދީފައިވަނީ އަހްމަދު ފަޒީލް (ފައްޖެ) އާއި ހުސެއިން ރަޝީދު (ގޯގޯ) އާއި ޒަހީނު ހަސަން (ޒަންޑަ) އާއި އަދި އަޙްމަދު ނިޔާޒް(ނިޔާ) މިއިން ކޮންމެ ކުޅުންތެރިއަކު 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ޑަބަލް ހެޓްރިކު ހެދި ޢަބުދުﷲ ސިޙާމް (ސީޓޭ) އެވެ.
ރޭގެ ދެވަނަ މެޗުގައި އެފްސީ ރާމީ އާއި ބައްދަލުކޮށް ވާދަވެރި ފޯރިގަދަ ކުޅުމަކަށްފަހު ގުންބަރު ސްޕޯރޓްސްއިން މެޗު ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. ގުންބަރު ސްޕޯރޓްސްގެ ލަންޑުތައް ކާމިޔާބު ކޮށްދީފައިވަނީ އިބުރާހިމް އަހްމަދު (ކޭޑީ) އާއި މުހައްމަދު ނަސީމް(ޓިން) އެވެ. މިޓީމުގެ ތިންވަނަ ގޯލަކީ އެފްސީ ރާމީގެ އަޙްމަދު އިނާޒު (އަޕީ) އަތުން ބައިކޮޅަށް ވަތްގޯޅެކެވެ. އެފްސީ ރާމީގެ ދެ ގޯލް ކާމިޔާބު ކޮށްދީފައިވަނީ ޢަބުދުއްރައްޒާޤު އިބުރާޙިމް ( ރިޒާ ) އާއި މުހައްމަދު ހަސަން (ރަނބޭ) އެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ގުންބަރު ސްޕޯރޓްސްގެ ފަހަތައް ކުޅެމުން އަންނަ އަލީ ދާއޫދު (އައްޔަ) އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 9:00 ލަންދޫ ފުޓްސަލް ދަނޑުގައެވެ.


