ކުޅިވަރު

މެސީ ގެ މޮޅު ކުޅުމާއިއެކު ބާސާ ތާވަލުގެ ދެވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ކުޅެވުނު މެޗުން މެސީގެ މޮޅުކުޅުމާއިއެކު ބާސާ މޮޅުވެ އަލުން ތާވަލުގެ ދެވަނައަށް އެޓީމު ޖެހިލައިފިއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅެވުނު ރޭގެ މެޗުން ބާސާ މޮޅުވީ ހުއެސްކާ އާއި ބައްދަލުކޮށް  4-1 ގެ ތަފާތު ބޮޑު ނަތޖާއަކުންނެވެ. ބާސާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މި މެޗަކީ ބާސާގެ ތަރި  އަދި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބާސާއަށް ކުޅެދިން 767 ވަނަ މެޗެވެ. މިއާއިއެކު މެސީ މިވަނީ  ބާސާއަށް އެންމެ ގިނަ މެޗު ކުޅެދީގެން އެ ޓީމުގެ ކުރީގެ ތަރި އަދި ލެޖެންޑް ޒަވީ ހެނާންޑޭޒް ހަދާފައިވާ ރިކޯޑާ ހަމަކޮށްފައެވެ.

ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ގޯލް، މެޗުގެ 13 ވަނަ މިނެޓުގައި ކާނިޔާބު ކޮށްދީފައިވަނީ  މެސީ އެވެ. ބާސާގެ ދެވަނަ ލަނޑު، މެޗުގެ 35 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. މެޗުގައި ފެނިގެން ދިޔަ ހުއެސްކާއީގެ ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ރަފާ މިރެވެ. މިއީ އޭރިއާ ތެރެއިން ރަފާއަށް ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ރޭގެ މެޗުގައި ބާސާއިން އަލުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގެވެ. މެސީ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްކާ މިންގޭޒެވެ. އަދި މެޗުގެ ފަހު މިނެޓުގައި ބާސާގެ ހަތަރުވަނަ ލަނޑު ޖަހާފައި ވަނީ މެސީ އެވެ. މި މެޗުގައި މެސީ ޖެހި 2 ލަނޑާއިއެކު މި ސީޒަނުގެ މި ލީގުގައި މެސީ ޖެހި ލަނޑުގެ އަދަދު މިވަނީ 21 އަށް އަރާފައެވެ. މިއާއި އެކު މެސީ ވެފައިވަނީ އެންމެ ފަހުގެ 13 ސީޒަނުގައި 20 ލަނޑަށް ވުރެ ގިނައިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ބާސާގެ މި މޮޅާއިއެކު އެ ޓީމު މިވަނީ ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. އެތުލެޓިކޯ މެޑްރިޑްއަށް ކުޅުނު 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސާއަށް ކުޅުނު 27 މެޗުން ވަނީ 59 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close